ރައްޔިތުންގެ މަޖިލީސް ނުހުއްޓޭނެކަން ރައީސުލްޖުމްހޫރިއްޔާ ކަށަވަރު ކުރަށްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާނު މިމޭރުމުން ވިދާޅުވެފައިވާއިރު މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަަނަ ދައުރުގެ ޗުއްޓީގެ ކުރިން އިތުރު ޖަލްސާއެއް ބޭއްވޭނެ ހާލަތެއް ނެތްކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ރައީސް ނަޝީދު މިއަދު މަޖިލީހުގައި ޖަލްސާއެއްވެސް ބާއްވަވާފައެއް ނުވެއެވެ.



އެކަމާ ގުޅިގެން ރާއްޖޭގެ ބައެއް މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި މިއުވާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކީ ދަޢުލަތުގެ އެންމެ އިސް ވެރިޔާ ކަމަށާއި އެހެންކަމުން ދަޢުލަތުގެ 3 ބާރުވެސް ނުހުއްޓި ކުރިއަށް ދާންޖެހޭނެކަމަށް އެމަނިކުފާނު ޤަބޫލު ކުރަށްވާ ކަމަށެވެ. އެހެންކަމުން މަޖިލީސް ނުހުއްޓި ކުރިއަށްދާނެކަން ރައީސް ކަށަވަރު ކުރަށްވާނެ ކަމަށް މިއުވާން ވިދާޅުވެފައިވެއެވެ.

“ދައުލަތުގެ ބާރުތައް މަސައްކަތް ކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ކަށަވަރު ކުރައްވާނެ.” މިއުވާން ވިދާޅުވިއެވެ.

މަޖިލީސް ހުއްޓިފައިވާ މައްސަލާގައި މަޖިލީހުގެ ރިޔާސަތު ވަގުތީގޮތުން ބަލަހައްޓަވަމުން ގެންދެވި ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފު އިއްޔެ ވަނީ ރައީސް ޞާލިޙާއި ބައްދަލު ކުރަށްވާފައެވެ.

މަޖިލީހުގެ ރައީސް ނަޝީދު އިއްޔެ ވިދާޅުވީ އެ ބައްދަލުވުމަކީ މަޖިލިސް ހުއްޓިފައިވާ މައްސަލައަށް ހައްލެއް ހޯއްދެވުމަށް އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭތާ ދެހަފްތާ ވެފައިވާއިރު މިހަފްތާ ނިމުމުން މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިމި، މަޖިލިސް ޗުއްޓީއަށް ދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު