ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުވުމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި އަބްދުالله ޤާޟީ ހައްޔަރުކުރުންފަދަ ކަމެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާތައް ނުބޭއްވި މުޅި މަޖިލީސް ހުއްޓިފައިވާތީ މެންބަރު ޝަރީފް ވިދާޅުވީ މަޖިލީހާއި ކޮމިޓީތަކުގައި މަރުތަޅު އަޅުވައިގެން ރައީސް ނަޝީދުވަނީ ރާއްޖޭގެ ތާރީހުގައިވެސް އެއްވެސް ފަރާތަކުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިނުވާ މިންވަރަކަށް އަރައިގަނެފައިކަމަށެވެ. އަދި އެއީ ފަސް އަހަރު ދުވަހުގެ މުއްދަތައް ޖަލަށް ލެވޭނެ ކުށެއްކަމަށް ޝަރީފް މިއަދު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މަޖިލީސް ހުއްޓުވުމަކަށް ގެނައުމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ސިފައިން ފޮނުވައިގެން އަބްދުالله ޤާޟީ ރަހީނު ކުރުންފަދަ ކަމެއް ކަމަށެވެ. އަދި މިއީ ސުޕްރީމް ކޯޓުގައި ތަޅު އެޅުވި މައްސަލައާ އެއްވަރުގެ ކަމެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

“މީ ވެރިކަމުގައި ހުންނަވައިގެން އަބްދުالله ޤާޟީ ސިފައިން ފޮނުވައިގެން ރަހީނުކުރުންފަދަ މައްސަލައެއް. އަދި މިއީ ސުޕްރީމް ކޯޓުގައި ތަޅުއެޅުވުން ފަދަ މައްސަލައެއް.” ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ގަދަ ބާރުން ދެމިހުންނެވުމަކީ ބޮޑު ހިޔާނާތެއްކަމަށެވެ. އަދި މިއީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި ގޮށްމުށުގެ ބާރުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުންކަމަށް ޝަރީފް ވިދާޅުވިއެވެ.

ރައީސް ނަޝީދު އަމަލުކުރައްވާގޮތުން، ގާނޫނުއަސާސީގެ ބާރު ކެނޑިގެންދާކަމަށާއި އެހެންކަމުން މި ޖަރީމާއަށް ކަމާއިބެހޭ ފަރާތްތަކުން ލަސްނުކޮށް ފިޔަވަޅު އަޅަންޖެހޭކަމަށް ޝަރީފް މިއަދު ވިދާޅުވިއެވެ.

ޝަރީފް މިމޭރުމުން ވިދާޅުވެފައިވާއިރު މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަަނަ ދައުރުގެ ޗުއްޓީގެ ކުރިން އިތުރު ޖަލްސާއެއް ބޭއްވޭނެ ހާލަތެއް ނެތްކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ރައީސް ނަޝީދު އިއްޔެ އާއި މިއަދު މަޖިލީހުގައި ޖަލްސާއެއްވެސް ބާއްވަވާފައެއް ނުވެއެވެ.

މަޖިލީސް ހުއްޓިފައިވާ މައްސަލާގައި މަޖިލީހުގެ ރިޔާސަތު ވަގުތީގޮތުން ބަލަހައްޓަވަމުން ގެންދެވި ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފު ވަނީ ރައީސް ޞާލިޙާއި ބައްދަލު ކުރަށްވާފައެވެ. މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ އެ ބައްދަލުވުމަކީ މަޖިލިސް ހުއްޓިފައިވާ މައްސަލައަށް ހައްލެއް ހޯއްދެވުމަށް އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭތާ ދެހަފްތާ ވެފައިވާއިރު މިހަފްތާ ނިމުމުން މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިމި، މަޖިލިސް ޗުއްޓީއަށް ދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު