ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދިނީ ރައްޔިތުން ކަމަށާއި އެކަމަށް އިޙްތިރާމްކުރަންޖެހޭނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ޝިފާއު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީން ހޯދީ ގަދަކަމުން ނޫން ކަމަށާއި އެއީ ރައްޔިތުންގެ ނިންމުމެއް ކަމަށެވެ. އެހެންކަމުން އެކަމަށް މަޖިލީހުގެ ހުރިހާ މެންބަރުންވެސް އިޙްތިރާމް ކުރަންޖެހޭނެކަމަށް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިހާތަނަށްވެސް އިދިކޮޅު ފަރާތްތަކަށް ބޮޑެތި ދޫތަކެއް ދީފައިވާ ކަމަށެވެ. ނަމަވެސް އެދޫތަކުގެ ބޭނުން އިދިކޮޅު ފަރާތްތަކުން ހިފަމުންދިޔައީ ނާޖާއިޒް ގޮތުގައި ކަމަށާއި އިދިކޮޅުގެ އެއްވެސް އިޚްލާސްތެރިކަމެއް ނެތްކަމަށް ޝިފާއު ވިދާޅުވިއެވެ.

“ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދިނީ ރައްޔިތުންގެ ވޯޓުން ރައްޔިތުން. އެހަމަ އަޅުގަނޑުމެން އަބަދުވެސް ޤަބޫލުކޮށް އިޙްތިރާމްކުރަން ޖެހޭނެ.” މެންބަރު ޝިފާއު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ކުރިމަތީގައި ވަނިކޮށް މަޖިލީހުގެ ކޮމިޓީތައް އެކުލަވާނުލައި މަޖިލީސް ޗުއްޓީއަށް ދިއުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް ޝިފާއު މިއަދު ވިދާޅުވިއެވެ. ޚާއްސަކޮށް މަޖިލީހުގެ 241 ކޮމިޓީއަކީ އަބަދުވެސް ހިންގޭގޮތަށް އޮންނަންޖެހޭނެ ކޮމިޓީއެއްކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު އިލެކްޝަންސް ކޮމިޝަނަށް މެންބަރު ޢައްޔަނުކުރަންޖެހޭކަން ޝިފާއު ފާހަގަކުރެއްވިއެވެ.

އެހެންކަމުން މަޖިލީހުގެ ދައުރު ދަންމާލައިގެން ނަމަވެސް މަޖިލީހުގެ މުހިއްމު މަސައްކަތްތައް ނިންމުމަށް މިއަދުގެ ޖަލްސާގައި ޝިފާއުވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު