ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވުމަށް ސަރުކާރުން ގޮވާލައިފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް ގޮވާލެއްވީ ރައީސްއޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދެވެ.

މިއުވާން މިއަދު ވިދާޅުވީ ރައީސް ނަޝީދު ބޭނުންފުޅުވުމުން މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ދާކަން މިއަދުގެ މަޖިލިސް ޖަލްސާއިންވެސް ފެނިގެންދާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާތައް ނުބާއްވަވަން ރައީސް ނަޝީދު ދެއްކެވި ޢުޒުރުތަކުގެ އެއްވެސް އަސްލެއް ނެތްކަން މިއަދު ހާމަވެގެން ގޮސްފައިވާކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ގާނޫނު ހަދާ މަޖިލިސް ހުއްޓިފައި އޮވެގެން ނުވާނެ ކަމަށާއި އެއީ ގާނޫނު އަސާސީން ވެސް އަދި މަޖިލީހުގެ ގަވާއިދުންވެސް ތަންދޭ ކަމެއް ނޫން ކަމަށެވެ. އަދި މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓޭނަމަ އެމަޤާމުން އިސްތިއުފާ ދިނުމަށް މިއުވާން މިއަދު ގޮވާލެއްވިއެވެ.

“މަޖިލީހުގެ ރައީސް ކަމުން އެމަނިކުފާނު އިސްތިއުފާ ދެއްވާފައި ނަމަވެސް މަޖިލިސް ކުރިޔަށް ގެންދަން ޖެހޭނެ،” މިއުވާން މިއަދު ވިދާޅުވިއެވެ.

މަޖިލިސް ހުއްޓިފައި އޮތުމުން އެކަމުގެ ގެއްލުން ލިބެނީ ރައްޔިތުންނަށް ކަމަށާއި އެހެންކަމުން ސިޔާސީ ބޭނުމަށް މަޖިލީސް ހުއްޓުވައިގެން ނުވާނެކަމަށްވެސް މިއުވާން މިއަދު ވިދާޅުވިއެވެ.

މިއުވާން މިމޭރުމުން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަދު ވަނީ ފަށާފައެވެ. ނަމަވެސް މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލަވެސް ނުނިންމާ މަޖިލީހުގެ ދައުރު ނިންމާލުމަށްފަހު މަޖިލީސް މިއަދު ވަނީ ޗުއްޓީއަށް ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު