ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން އިތުރު ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީން ހުށައަޅައިފިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ މަޖިލީހުގެ 29 މެމްބަރަކު ސޮއިކުރައްވައި، ދައުރުން ބޭރު ޖަލްސާއެއް ބާއްވަން މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

މެންބަރު މޯޑު ވިދާޅުވީ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ހުށައެޅުއްވީ މިއަހަރުގެ ދެވަނަ ދައުރު ނިމުނުއިރު، މުހިންމު ބައެއް ކަންތައްތައް ނުނިމި ހުރުމުން ކަމަށެވެ. އަދި މަޖިލީހުގެ ދައުރު ނިމުމުން އިތުރަށް މަޖިލިސް ކުރިއަށް ގެންދެވޭނީ ދައުރުން ބޭރު ޖަލްސާއެއް ބާއްވައިގެން ކަމަށް މޯޑު ވިދާޅުވިއެވެ.

"މިއަދު ޕީޖީ ގްރޫޕުން އެއްބަސްވެފައިވަނީ މަޖިލީހުގެ ގަވައިދުގެ 45 ވަނަ މާއްދާގެ (ރ)ގެ ދަށުން، ދައުރުން ބޭރު ޖަލްސާއެއް ބާއްވަން އެދެން. މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުން ހުށަހަޅައިފިއްޔާ 24 ދުވަހުގެ ތެރޭގައި އެޖަލްސާ ބާއްވަން ޖެހޭނެ." މެންބަރު މޯޑު ވިދާޅުވި އެވެ.

ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީން އެދިފައިވާއިރު އެމްޑީޕީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މިއަދު ފޮނުއްވި ސިޓީއެއްގައި މުހިއްމު ފަސް ކަމެއް ނިންމާފައި ނޫނީ މަޖިލިސް ޗުއްޓީއަށް ނުދާ ގޮތަށް ދައުރު ދަންމާލުމަށް ވަނީ އެދިފައެވެ.

ނަމަވެސް އެސިޓީގައި އެދިފައިވާ ކަންކަމަށް ރިޢާޔަތް ކުރެއްވުމެއްނެތި މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ ނިންމަވާލެއްވީ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު