ރައީސް ނަޝީދު ހުންނެވީ “ބޮނދުބުޑަށްސައި” ވެފައި ކަމަށް ރައީސް ނަޝީދުގެ ދައުރުގައި ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަޤާމު އަދާކުރެއްވި ޝުޢައިބް ޢަލީ، ފުރަހަނި ޝުޢައިބު ވިދާޅުވެއްޖެއެވެ.

ޝުޢައިބު މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ނަޝީދު އިއްޔެވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. ޝުޢައިބަކީ އެމްޑީޕީގެ އިސްމަޤާމުތަކެއް އަދާކުރަށްވައި ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި މީގެކުރިން ފާހަގަ ކުރެވުނު ބޭފުޅެކެވެ.

ނަމަވެސް ސުލޫކީ މައްސަލައެއްގައި ފިޔަވަޅުއަޅައި ރައީސް ނަޝީދުގެ ރައީސްކަމުގައި އެމްޑީޕީގައި ޝުއައިބު އަދާކުރަމުންދިޔަ މަޤާމުންވަނީ ވަކިކޮށްފައެވެ. ޝުޢައިބު މިއަދު ވިދާޅުވީ ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި މިހާރު އެ ހުންނެވީ “ބޮނދުބުޑަށްސައި” ވެފައިކަމަށެވެ.

“އަރާނެ އިތުރު ގެއެއް ރައީސް ނަޝީދަކަށް ދެންނެތެވެ. ހަމައެކަނި އޮތްގޮތަކީ މަޖުލީހުގެ ރައީސްކަން ދޫކުރެއްވުމެވެ. ރައްޔިތުން އެދެނީ މިދެންނެވި ގޮތެވެ.” ޝުޢައިބު މިއަދު ވިދާޅުވިއެވެ.



ރައީސް ނަޝީދު އަރާނެ ގޮޅި ހުސްވެފައިވާކަމަށް ޝުޢައިބު ވިދާޅުވެފައިވާއިރު ރައީސް ނަޝީދު އިސްވެ ހުންނަވައިގެން މަޖިލީހުގެ އިތުރު މެންބަރުންތަކަކާއެކު ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގައި މަރުތަޅު އަޅުވާފައި އޮތުމުން އެޕާޓީ މިހާތަނަށް ރަޖިސްޓްރީވެފައެއް ނުވެއެވެ.

ހަމައެއާއެކު މަޖިލީހުގެ 54 މެންބަރުން ސޮއިކުރަށްވައި ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމުގެ މައްސަލައެއް މިހާރުވަނީ މަޖިލީހަށް ވައްދާފައެވެ. އެ މައްސަލާގައި ރައީސް ނަޝީދަށް ދީފައިވާ ނޯޓިހުގެ މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެއެވެ.

ނަމަވެސް އެމައްސަލަ ހުށައަޅާފައިވަނިކޮށް ރައްޔިތުންގެ މަޖިލީސް މި ދައުރަށް ނިންމާލައި މެންބަރުން މިއަދުވަނީ ޗުއްޓީއަށް ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު