ސަރުކާރުން ޖުމްހޫރީ ޕާޓީއަށް ދޭން ވަޢުދުވި 25 އިންސައްތަ ނުދޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ސްޕެޝަލް އެންވޯއި އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ޖުމްހޫރީ ޕާޓީއަށް ލިބެންޖެހޭ ޙިއްސާގެ މިންވަރު އިލްހާމް ހަނދާން ކޮށްދެއްވާފައިމިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބޭފުޅުންތަކެއް އެމްޑީޕީއަށް ސޮއިކުރެއްވުމާ ގުޅިގެންނެވެ. އިލްހާމް ވިދާޅުވީ އެފަދަ މީޑިއާ ސްޓަންޓް ޖައްސަނީ ސަރުކާރު ބަލިކަށިވެ، ގޮތްހުސްވުމުން ރައްޔިތުން މާޔޫސްކުރުވަން ކަމަށެވެ.

އިލްހާމް ވިދާޅުވީ ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަޤާމްތަކުގައި ތިއްބަވާ ބޭފުޅުން ޖޭޕީ ދޫކޮށް ވަޑައިގަތުމަކީ އާކަމެއް ނޫން ކަމަށެވެ. އަދި އެއީ މިއަދަކު އެބޭބޭފުޅުން ނިންމެވި ނިންމެވުމެއްވެސް ނޫން ކަމަށް އިލްހާމް ވިދާޅުވިއެވެ. ހަމައެއާއެކު ސިޔާސީ މަޤާމުތަކުގައި ތިއްބެވި އިތުރު ބޭފުޅުންނަށްވެސް ސަރުކާރުން ބިރުދައްކަމުންދާކަމަށް އިލްހާމް ތުހުމަތު ކުރެއްވިއެވެ.

“ސިޔާސީ މަޤާމްތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނަށް އަދިވެސްދަނީ ވަޒީފާގެ ބިިރާއި، ނުފޫޒް ފޯރުވަމުން.” އިލްހާމް ވިދާޅުވިއެވެ.

ސަރުކާރުގައި ތިއްބެވި ޖުމްހޫރީޕާޓީއަށް ނިސްބަތްވާ މެންބަރުންގެ އަދަދު ސާޅީހަށްވެސް ނާރާކަމަށާއި ނަމަވެސް ކޯލިޝަން އެއްބަސްވުން ބަރާބަރަށް ތަންފީޒު ކުރާނަމަ ޖޭޕީއަށް 350 ސިޔާސީ މަޤާމު ލިބެނެޖެހޭކަމަށް އިލްހާމްވަނީ ވިދާޅުވެފައެވެ.

“ސަރުކާރުން ކިތައްމެ އުނދަގޫ، ދަތިހާލެއް ޖެއްސިޔަސް، ﷲގެ ވާގިފުޅާއެކު މިޕާޓީ ދާނީ ކުރިއަށް. 2023 ކާމިޔާބު ކުރާނީ ރައްޔިތުންގެ ސީދާ ވޯޓުން.” އިލްހާމް މިއަދު ވިދާޅުވިއެވެ.



ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާތީ އެކަމާ ހިތްހަމަނުޖެހިގެން އެ ޕާޓީން ވަކިވެ އެމްޑީޕީއަށް ސޮއިކުރި މެމްބަރުންގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި އެމްޑާބްލިޔުއެސްސީގެ އެމްޑީ ހަސަން ޝާހާއި ބައެއް މިނިސްޓްރީތަކުގެ ޑެޕިއުޓީ މިނިސްޓަރުންވެސް ހިމެނިވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު