ކާށިދޫ ދާއިރާގެ މަޖިލީސް މެންބަރު ޢަބްދުالله ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތުމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާޢީލް ދަޢުވަތު އަރުވައިފިއެވެ.

ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފައްޔާޒް ދަޢުވަތު އަރުވާފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރުގެ މި ދުވަހު އެމްޑީޕީގެ ޗެއަރޕަރސަންގެ ގޮތުގައި ޖާބިރު ހުންނެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މަޖިލީހުގެ ނާއިބުރައީސް އީވާ ޢަބްދުالله ވިދާޅުވުމާ ގުޅިގެންނެވެ.

އީވާގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ފައްޔާޒް ވިދާޅުވީ އެމީހެއްގެ ރަށާއި އާއިލާއަށް ބެލުމެއްނެތި ކޮންމެ މީހަކަށްވެސް އެމްޑީޕީގެ އެންމެ މަތީ މަޤާމުތަކަށް ދިއުމަށް އެޕާޓީން މަރުހަބާކިޔައި އެފުރުސަތު އޮންނަކަން ކަށަވަރުކުރައްވާނެ ކަމަށެވެ.

އަދި ޖާބިރަށް އެމްޑީޕީން މަރުޙަބާ ކިޔާނެކަމަށާއި އެމްޑީޕީއަށް ގުޅިވަޑައިގަތުމަށް ދަޢުވަތު އަރުވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

“ޖެން-ޒީ އޮތީ ޗެއާމަން ޖާބިރާއެކު.” ފައްޔާޒް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި އިވާ ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމަކީ އެމްޑީޕީ ނިމުމުގެ ފެށުންކަމަށެވެ. އަދި މި ދައުރު ނިމުމުން ރައީސް ޞާލިޙްވެސް ވަޑައިގަންނަވާނީ ލަންކާއަށް ކަމަށް އީވާ ލަފާކުރަށްވައެވެ.

ހަމައެއާއެކު އަންނަ އަހަރުގެ މިދުވަހު ޖާބިރު އެމްޑީޕީ ބައްލަވައިގަތުމަކީވެސް ވަރަށް އެކަށީގެންވާ ކަމެއް ކަމަށް އީވާ މިއަދު ވިދާޅުވިއެވެ. އަދި ދެން އެމްޑީޕީއަށްވާނީ ޑީއާރްޕީއަށް ވީގޮތް ކަމަށް ވިދާޅުވެ ޖާބިރު ހަވާލުވެވަޑައިގެންނެވި ފަހުން އުވިގެންދިޔަ ޑީއާރްޕީއިން މިސާލު ނަންގަވައި އީވާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު