ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވުމަކީ އިންތިޚާބީ ނިޒާމަށް ލިބުނު ކުރިއެރުމެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓްލެވޭގޮތް ހެދުމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ އިއްޔެއެވެ. ޤާނޫނަށް މި އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

ޤާނޫނަށް ގެނައި އިސްލާޙާއި ގުޅިގެން ޙަބީބު ރޭ ވިދާޅުވީ ޚާއްޞަ ޓެމްޕްލޭޓެއް ބޭނުން ކޮށްގެން، ފެނުމުން މަޙްރޫމްވެފައިވާ މީހުން އަމިއްލައަށް ވޯޓުލުމަށްޓަކައި، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނެވުނު އިސްލާޙަކީ، ހަމަހަމަ ކަމާއެކު ވޯޓުދިނުމުގެ ޙައްޤު އަދާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

“މިއީ އިންތިހާބީ ނިޒާމަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް. މިކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކަށް އީސީން ވަނީ ތައްޔާރު ވެފަ.” ޙަބީބު ވިދާޅުވިއެވެ.

ޙަބީބު ވިދާޅުވީ ޤާނޫނަށް ގެނައި އެ އިސްލާޙަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ގުޅުންހުރި މުއައްސަސާތަކާއެކު މިހާރު މަޝްވަރާ ފެށިފައިވާ ކަމަށެވެ.

އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނަށް ގެނެސްފައިވާ އިސްލާޙްތަކަކީ، އެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް އަކުރެއް އިތުރު ކުރުމާއި، އެޤާނޫނުގެ 45 ވަނަ މާއްދާގެ ފަހަތަށް، މާއްދާއެއް އިތުރު ކުރުމެވެ. މިގޮތުން މިޤާނޫނަށް ގެނެވުނު މައިގަނޑު އިސްލާޙަކީ، ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހުންގެ ތެރެއިން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި، ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް އެދޭނަމަ، އެކަން ކުރާނެ ގޮތް ބަޔާންކުރުމެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ގެނައި މި އިސްލާޙަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓްލުމުގައި ޢަމަލުކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން