މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު 551 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 11 ވަނަ ދުވަހު އާއްމުކުރި ދާއިމީ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދިން 10 ދުވަހުގެ މުއްދަތު މިމަހުގެ 22 އަށް ވަނީ ހަމަވެފައެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 551 ޝަކުވާއެއް ލިބިފައިވާއިރު މީގެ ތެރޭގައި މައިގަނޑު 6 ވައްތަރެއްގެ ޝަކުވާ ހިމެނެއެވެ.

އެ ޝަކުވާތަކުގެ ތެރޭގައި ނިޔާވެފައިވާ މީހުންގެ ނަން އޮތުމުން 465 ޝަކުވާ، އެޑްރެސް ބަދަލުވެފައިވާތީ 58 ޝަކުވާ، ލިސްޓުގައި ނަން ނެތުމުން 19 ޝަކުވާ، ނަން ބަދަލުވެގެން 5 ޝަކުވާ، ދާއިރާ ބަދަލުވެގެން 3 ޝަކުވާ، އައިޑީކާޑު ބަދަލުވެގެން 1 ޝަކުވާ ހިމެނެއެވެ.

ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ލިސްޓުގައި 282755 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144،408 ފިރިހެނުންނާއި 138347 އަންހެނުންނެވެ. ލިސްޓުގައިވާ ގޮތުން މިއަހަރު މުޅިން އަލަށް 21،000 ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންދާނެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި 282755 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު އެންމެފަހުން ބޭއްވި އިންތިހާބުގައި ވޯޓްލުމުގެ ހައްގުލިބިފައި ވަނީ 262135 މީހުންނަށެވެ. އެހެންކަމުން މިއީ 10 އިންސައްތައިގެ އިތުރުވުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން