މޯލްޑިވްސް ރިފޯމް މޫވްމަންޓް އެމްއާރްއެމްގެ ސްލޮޓެއްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ ނާއިބުގެ މަގާމުގައި ހުންނެވި އިސްމާއިލް ޒަބީހު އެ މަގާމުން ވަކިކުރީ ކޯލިޝަން އެއްބަސްވުމާ ޚިލާފަށްކަމަށް އެޕާޓީން ބުނެފި އެވެ.

އެމްއާރުއެމުން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޒަބީޙް މަޤާމުން ވަކިކޮށްފައިވަނީ ސަބަބު ބަޔާން ކުރުމެއް އަދި އެ ޕާޓީއާ މަޝްވަރާ ކުރުމެއް ވެސް ނެތި ކަމަށެވެ. އޭގެއިތުރުން އޭނާ މަގާމުން ވަކިކުރަންޖެހޭ ވަރުގެ އަމަލެއް ކުރައްވާފައި ނުވާ ކަމަށް އެމްއާރްއެމުން ބުނެފައިވެއެވެ.

ޒަބީހު އަކީ މަގާމުގެ މަސްއޫލިއްޔަތުތައް ފަރުވާތެރިކަމާއެކު އަދާކުރެއްވި ތައުލީމީ ގާބިލު ބޭފުޅެއްކަން ފާހަގަކޮށް އެމްއާރުއެމުން ބުނީ ޒަބީޙް ވަނީ ފާއިތުވި ހަތަރު އަހަރު ތެރޭ ހަޔަރ އެޑިއުކޭޝަނަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްދެއްވައި ކާމިޔާބީތަކެއް ހޯއްދަވައިދެއްވާފައި ކަމަށެވެ.

"ޕާޓީއާ މަޝްވަރާ ނުކުރައްވާ އަދި ވަކި ސަބަބެއް ބަޔާންކުރުމެއް ނެތި ކޯލިޝަން އެއްބަސްވުމާ ހިލާފަށް ސަރުކާރުން މި ނިންމުން ނިންމާފައިވާތީ ނުހަނު ކަންބޮޑުވަމެވެ،" އެމްއާރްއެމްގެ ބަޔާނުގައިވެ އެވެ.

އެމްއާރުއެމުން އިތުރަށް ބުނެފައިވަނީ ސިޔާސީ މަގުސަދު ހާސިލުކުރުމަށްޓަކައި ޝަރުތު ހަމަނުވާ ގިނަ އަަދަދެއްގެ ބަޔަކަށް ހަދިޔާ ބަހާ އުސޫލުން ސިޔާސީ މަގާމު ދިނުމަކީ ގައުމަށް ގެއްލުންވާނެ ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު