ހިޔާ ފްލެޓްތަކުގެ ކުލި މަޢާފް ކުރުމަކީ ދެކޮޅުޖެހޭ ސިޔާސަތެއް ނޫންކަމަށް ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވުމާ ގުޅިގެން އޭނާއަށް ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް ޢަލީ އާރިފް ރައްދު ދެއްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހިޔާ ފްލެޓްގެ ކުލި މަޢާފް ކޮށްދެއްވާނެކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ޤާޞިމް އިބްރާޙިމް ވިދާޅުވީ އިއްޔެ ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައެވެ. އެކަމަށް ފާޑުވިދާޅުވެ ޙުސައިން ވިދާޅުވީ ހިޔާ ފްލެޓްގެ ކުލި މަޢާފް ކުރުމަކީ ދެކޮޅު ޖެހޭ ސިޔާސަތެއް ނޫން ކަމަށާއި އެއީ އެމްޑީޕީ ސްޓައިލްގެ ވަޢުދު ކަމަށެވެ.

ޙުސައިނަށް ރައްދު ދެއްވަމުން ޖުމްހޫރީ ޕާޓީގެ އެސްޖީ ޢަލީ އާރިފް ވިދާޅުވީ، ޙުސައިން އެމޭރުމުން ވިދާޅުވެފައިވަނީ ޕީޕީއެމްގައި އެކަން ކުރާނެގޮތް އެނގޭ ބޭފުޅަކު ނެތުމުން ކަމަށެވެ. ހަމައެއާއެކު ރައްޔިތަކަށް އެއްޗެއް ދެއްވާނެކަމަށް ޤާސިމް ވިދާޅުވުމުން އެކަމާ މެންބަރު ޙުސައިން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތްކަމަށް ޢަލީ އާރިފް ވިދާޅުވިއެވެ.

އޭގެއިތުރުން ޤާސިމަކީ މަދު ފައިސާ ކޮޅަކުން ވިޔަފާރި ފަށައި، އެ ވިޔަފާރި ބިލިއަން ޑޮލަރުގެ ވިޔަފާރިއަކަށް ބަދަލުކޮށްލި ބޭފުޅެއްކަން ޢަލީ އާރިފް ފާހަގަކުރެއްވިއެވެ. އެހެންކަމުން ހިޔާ ފްލެޓްގެ ކުލި މަޢާފުކުރާނެ ގޮތްވެސް ޤާސިމަށް އެނގިލައްވާނެ ކަމަށް ޢަލީ އާރިފް ވިދާޅުވެފައިވެއެވެ.

“ތިކަން ކުރުމަށް ޤާސިމް ކުރަށްވާނެ އެއްކަމަކީ ދަޢުލަތުންކުރާ މަލްޓިމިލިއަން ޑޮލަރުގެ އިސްރާފު ނައްތާލުން.” ޢަލީ އާރިފް ވިދާޅުވިއެވެ.

ޖުމްހޫރީޕާޓީގެ ކައުންސިލް މެމްބަރުންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ގާސިމް ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ބޯހިޔަވަހިކަމުގެ ސިޔާސަތު ތަންފީޒުކުރުމުގައި އެކި މީހުންނަށް އެކި ގޮތް ހަދައިގެން، ތަފާތުކުރުން ގެންގުޅުއްވާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ސަރުކާރުން ދީފައި ހުރި ހުރިހާ ފްލެޓަކެއްގެ ކުލި މައާފް ކޮށްދެއްވާނެކަމަށެވެ.

"އެއްބަޔަކަށް ވިއްކަނީ. އަނެއްބަޔަކަށް ދޭންވީ ހިލޭ. ކޮބާ އިންސާފް. ކޮބާ އިހުސާންތެރިކަން. އަޅުގަނޑުގެ ވެރިކަމެއްގައި ހިޔާ ފްލެޓްތަކުގެ ކުލި މައާފުކޮށްދޭނަން. ބޮޑު ލާރިއެއްވެސް ދައްކާކަށް ނުޖެހޭނެ." ގާސިމް ވިދާޅުުވިއެވެ.

ހިޔާ ފްލެޓްތަކުގެ އިތުރުން ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ ކުލިވެސް މައާފުކޮށްދެއްވާނެކަމަށް ގާސިމް އިއްޔެ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު