ހިސާބުޖަހަން ދަންނަ ބޭފުޅުން ހިސާބުޖެހުމުން ދެން ރަނގަޅުވާނީ ބަލަންތިބުން ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަޙްމަދު ސަޢުދު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފަށް ރައްދު ދެއްވައިދިއެވެ.

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު, ހުޅުމާލޭގައި ހުރި ހުރިހާ ފްލެޓެއްގެ ކުލި މާފްކޮށްދެއްވާނެކަމަށް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބުރާހިމް ވިދާޅުވުމުން ޙުސައިން ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

ޙުސައިން ވިދާޅުވީ ފްލެޓްތަކުގެ ކުލި މަޢާފު ކުރުމަކީ ދެކޮޅުޖެހޭ ސިޔާސަތެއް ނޫންކަމަށާއި އެއީ އެމްޑީޕީން ވެރިކަމަށް އައުމަށް ދެއްކިޒާތުގެ ވާހަކައެއް ކަމަށެވެ.

ޙުސައިނަށް ރައްދު ދެއްވަމުން ސަޢުދު ވިދާޅުވީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ ހިސާބު ޖައްސަވަން ދެނެވަޑައިގަންނަވާ ބޭފުޅެއްކަމަށެވެ. އަދި އެމަނިކުފާނު ވަނީ އެކަމުގައި ނަތީޖާ ދައްކަވާފައިކަމަށްވެސް ސަޢުދު ވިދާޅުވިއެވެ.

“ހިސާބުޖަހަން އެނގޭ މީހުން ހިސާބުޖެހީމަ ދެން ރިއެކްޓް ކުރުމުގެ ބަދަލުގައި އަދި ރައްޔިތުންނަށް ލުއިވީމަ އެކަމާ ބަހުސްކުރުމަށްވުރެ ރަނގަޅުވާނީ ބަލަން ތިބިއްޔާ.” ޙުސައިނަށް ރައްދު ދެއްވަމުން ސަޢުދު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ހުޅުމާލޭން ދީފައި ހުރި ހިޔާ ފްލެޓުތަކުގެ ކުލި މާފްކޮށް ދެއްވާނެކަމަށާއި ބޮޑު ލާރިއެއް ވެސް ދައްކަން ނުޖެހޭނެ ކަމަށެވެ. ޤާސިމް ވިދާޅުވީ ކުލި މައާފްކޮށްދޭ ފްލެޓްތަކުގެ ތެރޭގައި ފުލުހުންނާއި ސިފައިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓުތައް ވެސް ހިމެނޭ ކަމަށެވެ.

އިއްޔެގެ ކައުންސިލް ބައްދަލުވުމުގައި ޤާސިމްވަނީ ސަރުކާރުން މިހާރު ޢަމަލުކުރަމުންދާ ގޮތަށް ފާޑުވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު