ސަރުކާރުން ވިޔަފާރިވެރިންނަށް އަނިޔާއާއި ފުރައްސާރަނުކުރުމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް ގޮވާލައްވައިފިއެވެ.

އިއްޔެ ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަމީން އިބުރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ރައީސް ޔާމީންގެ ސަރުކާރު ބަދަލުކުރުމަށް މަސައްކަތް ކުރަންޖެހުނީ އަނިޔާވެރިކަން ހައްދުފަހަނައަޅާ ދިއުމުން ކަމަށެވެ. ނަމަވެސް ހިތާމައަކީ މިއަދުވެސް އެޙާލަތަށް ބަދަލެއް އައިސްފައި ނުވުންކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ސަރުކާރުތަކުން ވިޔަފާރިވެރިންނަށް ކުރާ އަނިޔާއާއި ފުރައްސާރައިގެ ސަބަބުން އެތައް ބަޔަކަށް އެކަމުގެ ނޭދެވޭ އަސަރުކުރާކަމަށެވެ. އެގޮތުން މިހާރު މިސަރުކާރުންވެސް ފެންނަނީ އެމަންޒަރުކަމަށާއި އެއީ ހިތާމަކުރަށްވާ ކަމެއްކަމަށް އަމީން ވިދާޅުވިއެވެ.

“މިއަދު އަޅުގަނޑު ހިތާމަ ކުރަމޭ. އަޅުގަނޑު ލަދުގަނޭ މި ބޭބޭފުޅުން ވެރިކަމަށް ގެނައުމަށް ކުރެވުނު މަސައްކަތާއި ހެދި” އަމީން ވިދާޅުވިއެވެ.

އިއްޔެގެ ކައުންސިލް ބައްދަލުވުމުގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވީ ވިލާ ކުންފުނިން ވިއްކަން އުޅުނު ކ. ވާވެއްދިފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ހުއްޓުވާފައިވަނީ ސަރުކާރުން އަޑީގައި އޮވެގެންކަމަށެވެ.

އެހެންކަމުން އެމްޑީޕީއާއެކު ޖޭޕީން ހަދާފައިވާ ކޯލިޝަން އެއްބަސްވުން މިހާރު އޮތްކަމަށް ގަބޫލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށްވެސް ޤާސިމް އިއްޔެ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު