ރައީސް ޞާލިޙް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރަށްވާނީ ޙައްޖުވެރިންގެ ހެޔޮ ދުޢާތަކާއެކުގައި ކަމަށް ދާޚިލީ ވަޒީރު އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން މިއަދު ވިދާޅުވީ، ރާއްޖޭގެ މިއަދު ހާލަތަށް އެންމެ ބޭނުންވަނީ ގައުމުގެ ހަމަޖެހުމާއި މަސްލަހަތު ކަމަށާއި، އެކަން ކަށަވަރުކުރެވޭނީ ރައީސް ޞާލިޙް ދެވަނަ ދައުރަކަށް އިންތިޚާބު ކުރެވިގެން ކަމަށެވެ.

ހަމައެއާއެކު މިއަދަކީ މިއަހަރުގެ ޙައްޖުގެ އަޅުކަން ފަށައިގަންނަ ދުވަސްކަން ފާހަގަކުރަށްވައި އިމްރާން ވިދާޅުވީ ރައީސް ޞާލިޙް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަށްވާނީ ޙައްޖާޖީންގެ ހެޔޮ ދުޢާތަކާ އެކުގައި ކަމަށެވެ. އޭގެ އިތުރުން އިންތިޚާބު ކާމިޔާބު ކުރަށްވާނީ އެއްބުރުން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

“މިއަހަރުގެ ރިޔާސީ އިންތިޚާބު އަޅުގަނޑުމެން އެއްބުރުން ކާމިޔާބުކުރާނީ އިރާދަކުރެއްވިއްޔާ ޙައްޖަށް ވަޑާއިގެންވާ އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚުތުންގެ މަތިވެރި ދުޢާތަކާ އެކުގައެވެ.” އިމްރާން ވިދާޅުވެފައިވެއެވެ.



މިއަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ނިކުމެވަޑައިގަންނަވަނީ ކޯލިޝަނަކާއެކު އެވެ. އެ ކޯލިޝަންގައި ހިމެނެނީ އަދާލަތު ޕާޓީއާއި މަޝްހޫރު ވިޔަފާވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ގެ އެމްޑީއޭ އެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން