އެމްޑީޕީއާއި އެމްޑީޕީގެ މެމްބަރުން އަބަދުވެސް ދާނީ ކުރިއަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. ރައީސް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ކުރިއަށްދިއުމަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.

"އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ޕާޓީގެ ހުރިހާ މެންބަރުންނަށް އަރިސްކުރަން. މާތް للهގެ ހެޔޮ ރަޙްމަތްފުޅާއެކު މި ޕާޓީ އާއި ޕާޓީގެ މެންބަރުން އަބަދުވެސް ދާނީ ކުރިއަށް." ރައީސް ޞާލިޙް ވިދާޅުވިއެވެ.



ރައީސް ޞާލިޙް މިމޭރުމުން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރައީސްގެ މަޤާމުގައި ހުންނެވި ރައީސް ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. ރައީސް ނަޝީދާއި ރައީސް ޞާލިޙާއި ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތައް ފަޅައިގެންދިޔައީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ބަލިވެވަޑައިގަތުމުންނެވެ.

މިއަހަރުގެ ޖެނުއަރީމަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ފަހުން ރައީސް ނަޝީދު ގެންދެވީ ފިކުރެއްގެ ދިރުމުގެ ނަމުގައި އެމްޑީޕީގެ ތެރެއިން ވަކި ފެކްޝަނެއް އުފައްދަވަައިގެން މަސަައްކަތް ކުރައްވަމުންނެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ 24،566 ވޯޓް ހޯއްދަވާފައެވެ. އެއީ ސައްހަ ވޯޓްގެ %61.10 ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ސައްހަ ވޯޓްގެ %38.90 ވޯޓެވެ.

ފިކުރެއްގެ ދިރުމުގައި އިސްކޮށްއުޅުއްވި ބޭފުޅުން މިހާރު ގެންދަވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރަށްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން