މިއަދު 36 އަހަރުފަހުން މުޅިން އަލަށް މާލެއިން މާލޭ ރައްޔިތުންނަށް ގޯތި ދެއްވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިޚްލާސްތެރި މަސައްކަތުގެ ނަތިޖާކަމަށާ، މިއާއެކު އިރާދަކުރެއްވިއްޔާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 2 ވަނަ ދައުރު ޔަޤީންކުރާނީ ބޮޑު އަޣުލަބިއްޔަތަކާއެކު, އެއްބުރުންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ މިއަދު މުޅިން އަލަށް 36 އަހަރުފަހުން މާލޭ ރައްޔިތުންނަށް ގޯތިދެއްވިކަން ސަރުކާރުން ހާމަކުރެއްވުމާއެކު ކުރެއްވި ޓްވީޓެއްގައެވެ. އަމީރު ވިދާޅުވީ ވޭތުވެދިޔަ 36ގެ ތެރޭގައި 4 ވެރިކަން ފެނިގެން ހިނގައްޖެކަމަށެވެ. އެހެންނަމަވެސް މާލޭގެ ރައްޔިތުންގެ ތެރެއިން 10,314 ފަރާތަކަށް ގޯތި ދެވިގެންދިޔުމަކީ އާދަޔާ ޚިލާފު ކަމެއްކަމަށް އަމީރު ވިދާޅުވިއެވެ. މިއީ ޒަމާނުއްސުރެ މާލޭގެ ގިނަ ރައްޔިތުން ތަހައްމަލް ކުރި ދަތިތަަކަށް ލުއި ލިބިގެންދާނެ ކަމެއްކަން އަމީރު ފާހަގަކުރެއްވިއެވެ.



މީގެއިތުރުން މާލޭ ރައްޔިތުންގެތެރެއިން ގޯއްޗަށް އެދުނު މީހުންގެ ތެރެއިން މިފަހަރު ގޯތި ނުލިބި ބާކީތިބި ޝަަރުތު ހަމަވާ އެންމެންނަށްވެސް ގޯތި ލިބޭނެ މަގު ހޯދުމުގެ މަސައްކަތް މިހާރުވެސް އެބަކުރިޔަށްދާކަމަށާ، ދިމާވި އަދި ދިމާވަމުންދާ ދަތިތަކާއެކުވެސް، ރާއްޖޭގެ އިޤްތިސާދު ކޮޅަށްޖަހައި، ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި އުމްރާނީ, އަދި އިޖްތިމާއީ ތަރައްޤީގެ ޕްރޮޖެކްޓްތައް ކުރިޔަށް ގެންގޮސް, އަމާންކަމާއެކު މި ޤައުމު ކުރިޔަށްދާކަމަށް އަމީރު ވިދާޅުވިއެވެ.

އަދި މިހެން މިކަންކަން މިދަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިޚްލާސްތެރިކަމާއެކު ކުރައްވަމުންދާ ބުރަ މަސައްކަތުގެ ސަބަބުންކަމަށާ، އިރާދަކުރެއްވިއްޔާ ރައީސް ޞާލިޙް 2ވަނަ ދައުރު ޔަޤީންކުރާނީ ބޮޑު އަޣުލަބިއްޔަތަކާއެކު, އެއްބުރުންކަމަށް އަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން