މިއަހަރުގެ އަޟްޙާ ޢީދު ދުވަހު އައްޑޫ ސިޓީއާއި ފުވައްމުލަކުގައި ސިފައިންގެ ޕެރޭޑް އޮންނާނެކަން އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން މިއަދު ބުނެފައިވަނީ މިއަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި އެމްއެންޑީއެފުން އައްޑޫ ސިޓީއާއި ޏ.ފުވައްމުލަކުގައި ޕެރޭޑް ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މާދަމާ ޕެރޭޑް އޮންނާނީ ސ.ހިތަދޫގައެވެ. މާދަމާ ހަވީރު 16:00 ގައި ހިތަދޫ ސްކޫލް ކުރިމަތިން ފެށުމަށް ހަމަޖެހިފައިވާ ފެރޭޑް ހުއްޓުމަށް ހަމަޖެހިފައިވަނީ އެ ރަށު "ސަރުސަނާ 3" ފިހާރަ ކުރިމައްޗަށެވެ.

ޖޫން 29 ވަނަ ދުވަހު އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ޕެރޭޑް އޮންނާނީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައެވެ. އެ ދުވަހުގެ ހަވީރު 16:00 ހާއިރު މަރަދޫ މުދިންގޭ މަގާ ބޮޑުމަގު ގުޅޭ ކަންމަތިން ފެށުމަށް ހަމަޖެހިފައިވާ ފެރޭޑް ހުއްޓުމަށް ހަމަޖެހިފައިވަނީ ފޭދޫ ޓާފް ދަނޑު ކުރިމައްޗަށެވެ.

ހަމައެއާއެކު ޖޫން 30 ވަނަ ދުވަހު އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ތިންވަނަ ޕެރޭޑް އޮންނާނީ ހުޅުދޫ-މީދޫ ގައެވެ. އެ ދުވަހުގެ ހަވީރު 16:00 ހާއިރު ހުޅުދޫ އޮފީސް މަގާއި ބޮޑުމަގު ގުޅޭ ކަންމަތިން ފެށުމަށް ހަމަޖެހިފައިވާ ފެރޭޑް ހުއްޓުމަށް ހަމަޖެހިފައިވަނީ ކޯގަންނު ގަބުރުސްތާނު ކުރިމައްޗަށެވެ.

އޭގެ އިތުރުން ޖުލައި 01 ވަނަ ދުވަހު އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރުވަނަ ޕެރޭޑް އޮންނާނީ ޏ،ފުވައްމުލަކު ގައި، އެ ދުވަހުގެ ހަވީރު 16:00 ގައެވެ.

އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީގެ ރަށްތަކާއި ޏ.ފުވައްމުލަކުގައި ކުރިއަށްގެންދާ ޕެރޭޑުގައި ދިވެހި އަސްކަރިއްޔާގެ ސިފައިންގެ އިތުރުން އައްޑޫ ސިޓީ ސްކޫލުތަކުގެ ކެޑޭޓުންވެސް ބައިވެރިވާނެ ކަމަށެވެ. އަދި ޏ.ފުވައްމުލަކުގައި ކުރިއަށް ގެންދާ ޕެރޭޑުގައި ޏ.ފުވައްމުލަކު ސްކޫލުތަކުގެ ކެޑޭޓުން ވެސް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޕެރޭޑް ކުރިއަށްދާ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުގައި ރާގު ކުޅެވޭނެ ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު