ގިނަ ދުވަސްތަކެއްގެ އިންތިޒާރަށްފަހު މާލޭ ރައްޔިތުންނަށް ގޯތި ލިބިފައިވާތީ އެކަމުގެ އުފަލުގައި އެންމެންވެސް ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ގޮވާލަށްވައިފިއެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ނިންމަވައި މިހާރު ވަނީ ގޯތި ލިބޭ މީހުންގެ ލިސްޓުވެސް ޝަކުވާ ހުށައެޅުމަށްޓަކައި ހުޅުވާލާފައެވެ. މާލެއިން ހިލޭ ގޯތި ދޫކުރުމާ ދެކޮޅަށް ބައެއް ފަރާތްތަކުން ފާޅުކުރަމުންދާ ޝުޢޫރުތަކަށް ރައްދު ދެއްވަމުން މޫސާ ވިދާޅުވީ މިއީ ފިތުނަ އުފައްދަންވީ ވަގުތު ނޫންކަމަށެވެ.

މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެކަމުގެ އުންމީދު ލިބިފައި މިވަނީ 50 އަހަރު ފަހުންކަން ފާހަގަ ކުރަށްވަމުން މޫސަ ވަނީ ފިތުނަ އުފެއްދުމުގެ ބަދަލުގައި މާލޭ މީހުންނަށް ލިބުނު އުފަލުގައި އެންމެންވެސް ބައިވެރިވުމަށް ގޮވާލައްވާފައެވެ.

“އެތައް ހާސްބަޔަކަށް ގޯތި ޔަޤީންވުމުން މާލޭމީހުންގެ މިއުފަލުގައި ބައވެރިވުމުގެ ބަދަލުގައި މަދުބައެއްގެ ފިތުނައިގެ ހުޅުގަނޑު ދިޔައީ ފަޅައިގެން،” މޫސަ ވިދާޅުވިއެވެ.

މޫސަ މިމޭރުމުން ބައެއް ފަރާތްތަކަށް ރައްދު ދެއްވާފައި ވާއިރު ސަރުކާރުން ގެޒެޓްކޮށްފައިވާ މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުން މިހާރު ފާހަގަވާ މައްސަލަތައް ދާއިމީ ލިސްޓް ނެރޭއިރު ހުންނާނީ އިސްލާހުކޮށްފައިކަމަށް ހައުސިންގ މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ މިހާރު ނެރެފައިވާ ވަގުތީ ލިސްޓުގެ ބޭނުމަކީވެސް ޝަކުވާ ހުށަހެޅުން ކަމަށާއި ދާއިމީ ލިސްޓް އަންނައިރު އެ ކަންކަން އިސްލާހުވާނެ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން އިޢުލާނުކުރި ލިސްޓްގައި ގޯތި ލިބޭ 10314 މީހުން ހިމެނިފައިވެއެވެ. އަދި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައިމަހުގެ 15ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން