މިފަހަރުގެ ބޮޑު ޢީދުގެ ޗުއްޓީއަށް ޏ. ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޚްލޫފަށް ކުޅިވަރުގެ ދާއިރާއިން އެ ސިޓީގައި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި ތަރައްޤީގެ ހަލުވި ސްޕީޑް ފެނިވަޑައިގެން އެކަން ފާހަގަކުރައްވައިފިއެވެ.

ކުޅިވަރުގެ ދާއިރާއަކީ މިސަރުކާރުން އެންމެގިނަ މަޝްރޫޢުތައް ހިންގާ އެއް ދާއިރާއެވެ. ޚާއްސަކޮށް އެއްވެސް ކުޅިވަރެއް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު، ހުރިހާ ކުޅިވަރެއްގެ ޢުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

މިނިސްޓަރ އަޙްމަދު މަޚްލޫފް މިފަހަރު ޢީދު ޗުއްޓީއަށް ވަޑައިގަތީ ފުވައްމުލައް ސިޓީއަށެވެ. އެއީ މިނިސްޓަރުގެ އަނބިކަނބަލުން ނަޒްރާ ނަސީމްގެ އުފަން ރަށެވެ. ފުވައްމުލަކަށް ވަޑައިގަތުމާއެކު މިނިސްޓަރަށް ފުރަތަމަވެސް ފެނިވަޑައިގަތީ ކުޅިވަރުގެ ދާއިރާއިން އެސިޓީގައި ކުރިއަށްދާ ބޮޑެތި މަޝްރޫޢުތަކުގެ މަސައްކަތްތަކެވެ.

މިކަން ފާހަގަކުރައްވައި މިނިސްޓަރ މަޚްލޫފް ވިދާޅުވެފައިވަނީ އީދު ޗުއްޓީއަށް ފުވައްމުލަކަށް ވަޑައިގެން ބައްލަވައިލެއްވިއިރު ކަމަކުދާކަށް ނެތްކަމަށެވެ. އެސިޓީގައި ތަރައްޤީކުރަމުން އައި ބޮޑު ފުޓުބޯޅަ ދަނޑު ވަނީ ނިމިފައިކަމަށެވެ. އަދި ފުވައްމުލައް ސިޓީ ކައުންސިލާ ހަވާލުކުރި ދެވަނަ ދަނޑު ވީއެންމެ އަވަހަކަށް ނިންމުމުގެ މަސައްކަތް މިނިސްޓްރީގެ ޓީމުން އެބަކުރާކަމަށާ، 3 ކޯޓުގެ ބެޑްމިންޓަން ސެންޓަރުގެ މަސައްކަތްވެސް ވަނީ ނިމިފައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ފުވައްމުލަކު ޓީޓީ ސެންޓަރު ނިމިފައިކަމަށާ، 2 ފުޓްސަލް ދަނޑު ނިމިފައިކަމަށާ، އިތުރު ބައެއް ދަނޑުތައް ހެދުމަށް މަޝްވަރާ ކުރިއަށްދާކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ފުވައްމުލަކު ވޮލީ ކޯޓު ނިމި، ކުޑަކުދިންގެ ޕާކު ނިމި، ސަރފް ޝެކް ނިމި، އައުޓްޑޯ ޖިމްވެސް ނިމިފައިވާކަން މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.



އިތުރު މަޝްރޫޢުތަކަށް ބަލާއިރު އެސިޓީގެ ސްކޭޓް ޕާކް ކޮންޓްރެކްޓުގައި ސޮއިކޮށްފައި ވާކަމަށާ، އީދު ނިންމާފައި އެމަސައްކަތް ފަށާނެކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ސިންތެޓިކް ޓްރެކްގެ ބިޑް ނެގުން 16 ޖުލައިގަ އޮންނާނެކަމަށާ، ދެންމާލަސްނުވެ އަމަލީ މަސައްކަތް ފެށޭނެކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ޓެންޑަރިނގް އަށް ފިނޭންސް އަށް ފޮނުވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަނީ ރާއްޖޭގެ އަތޮޅުތަކާއި މާލެ ނޫސް އެހެން ސަރަޙައްދުގެ ތަރައްޤީއަށް ޒަމާނުއްސުރެ އިހުމާލުވެފައި އޮތް އޮތުން ނިމުމަކަށް ގެންނާނެކަމަށް ވަޢުދު ވެފައެވެ. އެވަޢުދުގެ ދަށުން ކުދި ރައްރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިންގަވާފައިވެއެވެ. ބައެއް މަޝްރުޢުތައް ނިމި ރައްޔިތުން ޚިދުމަތް ހޯދަމުންދާއިރު، އަނެއްބައި މަޝްރޫޢުތައް އަންނަނީ ހިނގަމުންނެވެ. ނިސްބަތުން ބަލާއިރު ނުފެށި ހުރީ މަދު މަޝްރޫޢުތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން