މިފަހަރު އިލެކްޝަންސް ކޮމިޝަނަށް އެންމެ ފުރަތަމަ ވަންނާނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ ކެންޑިޑެސީ ފޯމު ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެންބަރު ޝިޔާމް މިމޭރުމުން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ އިސްބޭފުޅުން ނެރެމުން އަންނަ "އޯޝަން ވީކްލީ" މަޖައްލާގައި "ޔާމީނެއް ވެސް ނޫން، ނަޝީދެއް ވެސް ނޫން. ގުޅިފައިވާ ޕާޓީގެ ކެންޑިޑޭޓެއް" ގެ ނަމުގައި ލިޔެފައިވާ ލިޔުމަކަށް ރައްދު ދެއްވަމުންނެވެ.

ޝިޔާމް ވިދާޅުވީ ޑިމޮކްރެޓްސްގެ ބޭފުޅުން ހުވަފެން ނުބެލުމަށް އެދިވަޑައިގެންފައެވެ. އަދި ޕީ.ޕީ.އެމްގެ ކެންޑިޑޭޓު ރައީސް ޔާމީނަކީ އެންމެ ފުރަތަމަ ޕާޓީ އަކުން 2023 އަށް ދެއްކި ރިޔާސީ ކެންޑިޑޭޓުކަން ޝިޔާމްވަނީ ޑިމޮކްރެޓްސް އަށް ހަނދާންކޮށްދެއްވާފައެވެ.

“އިރާދަކުރެއްވިއްޔާ 23 ޖުލައިގައި އެންމެފުރަތަމަ އިލެކްޝަންސް ކޮމިޝަނަށް ވަންނާނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް.” ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހަނި ނަމަވެސް ޕިޕީއެމްގެ އިސް މެންބަރުން ވިދާޅުވަމުން ގެންދަވަނީ ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަ ކުރަައްވާނެ ކަމަށެވެ.

މިހާރު ރަޖިސްޓްރީކުރުމަށް ހުށައަޅާފައިވާ ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމުން އެކުގައި މަސައްކަތްކުރުމާ ގުޅޭ މަޝްވަރާތައް ފަށާފައިވާއިރު ދެޕާޓީ ލީޑު ކުރަށްވަނީ ކުރީގެ ރައީސުންނެވެ. ކުރީގެ ރައީސް ނަޝީދު ޑިމޮކްރެޓްސް ލީޑު ކުރަށްވާއިރު ޕީޕީއެމްގެ ލީޑަރަކީ ކުރީގެ ރައީސް ޔާމީންއެވެ.



ކިޔުންތެރިންގެ ހިޔާލު