ނަސްލީ ތަފާތުކުރުމާއި ނަފްރަތު އުފެއްދުމުގެ ޢަމަލުތައް ބަލައިނުގަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިމޭރުމުން ވިދާޅުވެފައިވަނީ އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން، އިއްޔެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މާސްކު އަޅައި "މާލި" ނެރެފައި ވާތީ އެކަން ކުށްވެރިކުރެއްވުމުގެ ގޮތުންނެވެ.

އާޒިމް ވިދާޅުވީ އެބާވަތުގެ ދަށްފެންވަރުގެ، ނަސްލީ ތަފާތު ކުރުމާއި، ނަފްރަތު އުފެއްދުމުގެ ނިޔަތުގައި ދައްކާ ވާހަކަތަކަށް މުޖުތަމަޢުގައި ޖާގަނެތް ކަމަށެވެ. އަދި މިއީ ބަލައިގަނެވޭނެ ކަމެއްވެސް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ސަރުކާރު މިވަގުތު އޮތީ ހާސްކަމުގެ ތެރޭގައި ކަމަށާއި އެޙަރަކާތުގައި މިސަރުކާރުގެ އަތެއް ނެތްނަމަ އެކަމުގެ ތަހުގީގެއް މިހާރު އޮންނާނީ ފަށާފައިކަމަށެވެ.

“މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ވެސް ނޫން. ހާސްކަމުގެ ތެރޭގައި އޮތް މިސަރުކާރުގެ އަތެއް މިކަމުގައި ނެތްނަމަ މިކަމާ ގުޅޭ ތަހުގީގެއް ފަށައިފީސް.” އާޒިމް ވިދާޅުވިއެވެ.

އާޒިމް މިމޭރުމުން ވިދާޅުވެފައިވާއިރު އިދިކޮޅު ޕީޕީއެމާއި އާޒިމް ނިސްބަތްވާ ޑިމޮކްރެޓްސްއިން ވަނީ ހިޔާލުތަފާތުވުންތަކުގެ ތެރެއިންވެސް އެކުގައި މަސައްކަތް ކުރެވިދާނެކަމަށް ބުނެފައެވެ.

އެގޮތުން އިދިކޮޅުގެ ”އިންޑިއާ އައުޓް“ ހަރަކާތުގެ ޝިޢާރާއި މެދު ޑިމޮކްރެޓްސްއިން ފުރިހަމައަށް އެއްބަސްނުވި ނަމަވެސް، އެ ހަރަކާތުގެ މަޤްސަދު ސާފުވާކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު