އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ޑިމޮކްރެޓްސްގެ ކުރިޔަށްހުރި ޙަރަކާތްތަކުން ރައީސް ނަޝީދު ފެންނާނެ ކަމަށް އެޕާޓީގެ މުޢައްސިސް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސް އިން މިހާރުދަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެޕާޓީގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފުވައްމުލަކުގެ ރައްޔިތުންނާއިއެކު ކުރިއަށް ގެންދިޔަ ކަންމަތީ ބައްދަލުވުމެއްގައި ހަސަން ލަތީފް ވިދާޅުވީ އެޕާޓީން ކުރިއަށްއޮތް ތަނުގައި އިންތިޒާމްކުރާ ޖަލްސާތަކުގައި ރައީސް ނަޝީދު ބައިވެރިވާނެ ކަމަށެވެ.

ޙަސަން ވިދާޅުވީ ވަރަށް އަވަހަށް އެޕާޓީ ރަޖިސްޓްރީ ކުރުމަށް ފުރިހަމަ ކުރަންޖެހޭ ޤާނޫނީ ހުރިހާ މަރުޙަލާތަކެއް ނިންމަވާނެ ކަމަށެވެ. އެއާއެކު އެ ޕާޓީއަށް ޤާނޫނީ ޙައިސިއްޔަތު ލިބިގެންދާނެ ކަމަށްވެސް ޙަސަން ވިދާޅުވިއެވެ. އޭގެ އިތުރުން ޕާޓީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަނުން ހުރަސްއެޅި ނަމަވެސް އެޕާޓީގެ ކެމްޕޭން ޙަރަކާތްތައްވެސް ކުރިއަށްދާނެ ކަމަށް ޙަސަން ވިދާޅުވިއެވެ.

“އިރާދަކުރެއްވިޔާ މުޅިރާއްޖޭގައި އަނެއްކާވެސް ޑިމޮކްރެޓުން ފެތުރިގަންނާނެ. އަޅުގަނޑުމެންނާއެކު ދެން އޮންނަ ޖަލްސާތަކުގައި ރައީސް ނަޝީދުވެސް ބައިވެރިވެ ވަޑައިގަންނަވާނެ.” ޙަސަން ލަތީފް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްއާ ރައީސް ނަޝީދު ގުޅިވަޑައިގަންނަވާނެ ވަގުތާ ގުޅޭގޮތުން ގިނަ ބަޔަކު ސުވާލުކުރާކަން ފާހަގަ ކުރަށްވަމުން ޙަސަން ވިދާޅުވީ ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދު ނުހިމެނޭ ޕާޓީއެއް ކަމަށް ނުދެކޭ ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ޕާޓީއަށް ވަނުމަށް ދަޢުވަތުދޭން ލަދުގަންނަ ކަމަށް ޙަސަން ރޭ ވިދާޅުވިއެވެ.

ޙަސަން ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ރައީސް ޞާލިޙް ވެރިކަމުން ބާލަން ކަމަށާއި އެކަން ކުރުމަށްޓަކައި ގުޅެންޖެހުނު ކޮންމެ ބަޔަކާ ޑިމޮކްރެޓްސް ގުޅޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން