މަޝްހޫރު ލަވަކިޔުންތެރިޔާ ބަތޫލް އަހުމަދު އެމްޑީޕީއަށް ސޮއި ކުރަށްވައިފިއެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު ސިޔާސީ ޕާޓީތަކުން ދަނީ އެ ޕާޓީތަކުގެ މެންބަރުން އިތުރުކޮށް ތާޢީދު އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްޑީޕީންވެސް ދަނީ އެޕާޓީގެ މެންބަރުން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އެމްޑީޕީން މިއަދު ބުނީ ލަވަކިޔުންތެރިޔާ ބަޠޫލް އަޙްމަދު އެމްޑީޕީއަށް ސޮއިކުރެއްވީ އަޟްޙާ ޢީދު ފާހަގަކުރެއްވުމަށްޓަކައި ޅ. ހިންނަވަރަށް ރައީސް ޞާލިޙް ކުރަށްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިން ކަމަށެވެ.

ބަޠޫލް އެމްޑީޕީއަށް ސޮއި ކުރެއްވީ އެމްޑީޕީގެ އިސްލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޖީހާން މަޙްމޫދާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒްގެ ހާޟިރުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި އިސްލާހާއެކު އެމްޑީޕީގެ ދަފްތަރުން 39،000 ވަރަކަށް މެންބަރުން އުނިވެގެން ދިޔައެވެ. އެމްޑީޕީން މިހާރު އަމާޒު ހިފާފައިވަނީ ކުރިން އޮތް އަދަދަށްވުރެ ވެސް އިތުރަށް މެންބަރުން ޕާޓީއަށް ވެއްދުމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައިވާ ގޮތުން 21 ފެބުރުވަރީ 2023 ގެ ނިޔަލަށް އެޕާޓީގެ ދަފްތަރުގައި 57660 މެންބަރުން އެބަތިއްބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން