ރިޔާސީ އިންތިޚާބު ބޯމަތިވެފައި ވަނިކޮށް އިދިކޮޅު ޕީޕީއެމުން ރައީސް ނަޝީދުގެ ޑިމޮކްރެޓްސްއާއެކު މަޝްވަރާތަކެއް ބާއްވަން ފަށާފައިވާތީ އެޕާޓީގެ އެތެރެއަށް ލޮޅުންތަކެއް އަރައިފިއެވެ.

އިދިކޮޅު ޕީޕީއެމުން ޑިމޮކްރެޓުންނާއެކު މަޝްވަރާއަށް ދިޔައީ އެ ޕާޓިގެ ސެނެޓްގެ ރުހުންނެތިކަމަށް ބުނެ ބައެއް ސެނެޓަރުން ވަނީ ޕާޓީގެ ރަސްމީ ވަޓްސްއެޕް ގްރޫޕްގައި ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން ޕާޓީގެ ސެނެޓަކީ ހަމައެކަނި ނަމަކަށް އޮންނަ ތަނެއް ކަމަށް ބައެއް ސެނެޓަރުން ވަނީ ވިދާޅުވެފައެވެ.

މަޝްވަރާތަކާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެފައިވަނީ އެޕާޓީގެ ސެނެޓް އޮތްކަމާމެދު މިހާރު ސުވާލު އުފެދޭ ކަމަށެވެ. އޭނާ ވިދާޅުވީ ސެނެޓަކީ ހަމައެކަނި ލަފާ އަހަން އެއްވާން ޖެހޭ ގުނަވަނެއްތޯ ސުވާލު އުފައްދަވާފައެވެ.

ޕީޕީއެމްގެ ސަރުކާރުގައި ހޯމް މިނިސްޓަރުގެ ނައިބެއްގެ މަޤާމު އަދާކުރެއްވި ސިއްދީޤުވެސް ވަނީ ޑިމޮކްރެޓުންނާއެކު އެމްޕީ ޝިޔާމް އާއި އެމްޕީ ޠާރިޤް މަޝްވަރާއަށް ގޮސްފައިވަނީ ސެނެޓްގެ ރުހުން ހޯދުމެއްނެތި ކަމަށް ވިދާޅުވެފައެވެ. އަދި ޕާޓީގެ ސެނެޓަކީ ނެތް އެއްޗަކަށް ނުހެދޭނެ ކަމަށާއި ކުރެވޭ މަޝްވަރާތައް ސެނެޓާ ޙިއްސާކުރަން ޖެހޭނެ ކަމަށްވެސް ސިއްދީޤު ވިދާޅުވިއެވެ.

“ލީޑަރޝިޕްގެ ނިންމުންތަކުގެ މައުލޫމާތު ޕާޓީގެ ސެނެޓަށް އަރުވަން ވާނެކަމަށް ދެކެން. އަދި ޕާޓީގެ އާންމު މަސްލަޙަތާއި ގުޅިފައިވާ ބޮޑެތި ނިންމުންތަކުގައި ސެނެޓާއި މަޝްވަރާވެސް ކުރުން މުހިންމު.” ސިއްދީޤު ވިދާޅުވެފައިވެއެވެ.

މި މައްސަލާގައި ގެމަނަފުށި ދާއިރާގެ ކުރީގެ މެމްބަރުން ޖަމީލް އުސްމާނު ވިދާޅުވެފައިވަނީ މިފަދަ މުހިންމު މަޝްވަރާތަކަށް ވަޑައިގަތުމުގެ ކުރިން ރައީސް ޔާމިން އައްޔަން ކުރަށްވާފައިވާ އެޑްވައިޒަރުންގެ ލަފައާއި މަޝްވަރާ ހޯދުމަކީ މުހިއްމުކަމެއް ކަމަށް ދެކެލައްވާ ކަމަށެވެ.

ޕީޕީއެމް އާއި ޑިމޮކްރެޓުންގެ މެދުގައި ބޭއްވި މަޝްވަރާތަކުގައި ޝިޔާމް އާއި ޠާރިޤްގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްއާއެކު ޕީޕީއެމުން މަޝްވަރާތައް ފެށީ އެޕާޓީގެ ރައީސް ޢަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވަނީ މީގެކުރިން ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން