އަމީނީމަގުގެ އެންމެ ބާރުބޮޑު ސަރަހައްދުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށާ، ސްކޫލް ހުޅުވެންވާއިރަށް އެސަރަޙައްދުގެ މަސައްކަތް މުޅިން ނިމޭނެކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އިން ބުނެފިއެވެ.

އާރުޑީސީން ބުނީ މިހާރު ކުރިއަށްދަނީ އަމީނީމަގުގެ ސެގްމެންޓް 8 ގައި ކާރބް ސްޓޯން ޖެހުމާއި ސްޓޯރމް ވޯޓަރ ކެޗްޕިޓް ބެހެއްޓުމުގެ އިތުރުން މައި ފެންހޮޅި އެޅުމުގެ މަސައްކަތްކަމަށެވެ. މީގެ އިތުރުން ދުވާރު ހެދުމާއި ޕޭވިންގގެ މަސައްކަތްވެސް އަންނަނީ ކުރަމުންކަމަށް އެކުންފުނިން ބުނެއެވެ.



އަމީނީ މަގުގެ 8 ވަނަ ސެގްމަންޓުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 14ވަނަ ދުވަހުގައެވެ. މިސެގްމަންޓުގައި ހިމެނެނީ އަމީނީ މަގުގެ އެންމެ ކާރޫބާރޫ ބޮޑު ސަރަޙައްދެވެ. އެއީ ގިނަ ސްކޫލުތަކާއި ޤައުމީ ޔުނުވަރ ސިޓީގެ ޢިމާރާތެއް ހުންނަ ސަރަހައްދެކެވެ.

ބައެއް ވަގުތުތަކުގައި އެސަރަހައްދުގެ ޓްރެފިކާއި ކާރޫބާރު ވަރަށްބޮޑެވެ. އާރުޑީސީގެ އަމާޒަކީ ސްކޫލް ހުޅުވެންވާއިރަށް އެ މުޅި ސަރަޙައްދުގައި ތާރު އެޅޭވަރުކުރުމެވެ. މުޅިން ތާރުއަލން ނުފެށުނަސް އަޑީގައި ވަޅުލަންޖެހޭ ހޮޅިތަކާއި އެހެނިހެން މަސައްކަތްތައް ނިންމައި މަގު ބޭނުންކުރެވޭވަރު ކުރުމަކީ އެކުންފުނީގެ އަމާޒެކެވެ.

ޖުމުލަ 13 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތާއެކު ޒަމާނުއްސުރެ އެމަގަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު އަންނާނެއެވެ. ޚާއްސަކޮށް މަގުގެ ފެންބޮޑުވުމުގެ މައްސަލަ މުޅިން ޙައްލުވެ ޒަމާނީ މަގަކަށް އެމަގު ބަދަލުވެގެންދާނެއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 84.4 މިލިޔަން ރުފިޔާއަށެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން