ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ މެންބަރުންނަށް އިޙްތިރާމް ނުކުރުން ކުށްވެރިކުރަށްވާކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރ މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

އަސްލަމް މިމޭރުމުން ވިދާޅުވީ މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އެދުމަށް ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާ ދެތިން މިނެޓުގެ ތެރޭގައި ނިންމާލާފައިވާތީ އަސްލަމްވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަށްވާފައެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއަށް ދައުވަތު ދިނީ ވަގުތު ކުޑަތަންވެފައި އޮއްވާކަމަށެވެ. އަދި މިއަދު ޖަލްސާ ނިންމާލީ މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ކަމަށާއި ރިޔާސަތުން މަޖިލީހުގެ މެމްބަރުންގެ ވަގުތަށް އިޙްތިރާމް ކުރުމެއްނެތި ޒިންމާދާރުކަން ކުޑަކޮށް ޢަމަލުކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެމްބަރުންނަށް ބަދަލު އަންނަކަން އެނގޭނީ މަޖިލީހުގެ ޖަލްސާ ފެށުމުން ނޫންކަން ފާހަގަކުރަށްވަމުން އަސްލަމް ވިދާޅުވީ ޖަލްސާ ނިންމާލީ ޤަވާއިދާ ޚިލާފަށް ކަމަށެވެ. އޭގެ އިތުރުން މަޖިލީހުގެ ރިިޔާސަތުން ޢަމަލު ކުރަމުންދަނީ ވަރަށް ޚުދުމުތާރުކޮށް ކަމަށާއި، މިއީ ދައުލަތުގެ އެއްބާރުގެ ބާރު ކަނޑުވާލުންކަމަށް އަސްލަމް ވިދާޅުވިއެވެ.

“ޚުދުމުޚުތާރުނުވެ، މަޖިލިސް ހިންގަވަން ޖާގަ ނުދެވެންޏާ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާ. ފެނިގެން މިދަނީ ޑިމޮކްރަޓިކް އެންމެ ރަނގަޅު ހަމަތަކާއި އުސޫލުތަކާއި ޚިލާފަށް އަމިއްލަ މަޤާމާއި ޖާހަތަށް މަސައްކަތް ކުރާތަން.” އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ ރިޕޯޓް އިޞްލާހުކުރަން ޖެހޭކަމަށް ވިދާޅުވެ، ދައުރުން ބޭރުން ބޭއްވެވި މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް ދެތިން މިނެޓުގެ ތެރޭގައި ވަނީ ނިންމާލާފައެވެ.

މިއަދުގެ ޖަލްސާ ފެށްޓެވުމަށްފަހު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އެމްޑީޕީން ވަކިވުމާ ގުޅިގެން، މަޖިލިސް ކޮމިޓީތަކަށް ބަދަލު އައިސްފައިވާ ކަމަށެވެ.

އެހެންކަމުން ކޮމިޓީތަކުގެ ނިސްބަތަށް އައިބަދަލު އަލުން މެންބަރުންނަށް ފޮނުވައި އިސްލާހު ހުށަހަޅަން ފުރުސަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފައެވެ.

މަޖިލީހުގެ ރައީސް އާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާއި 2 ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވީ ނަމަވެސް އެމަސައްކަތްތައް ކުރިއަށް ނުގޮސް މަޖިލީސް ހުއްޓިފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު