ރިޔާސީ އިންތިޚާބުގެ މަޝްވަރާތައް މޯލްޑިވްސް ނެޝަނަލް ޕާޓީ އާއެކު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ފަށައިފިއެވެ.

ޕީޕީއެމާއި އެމްއެންޕީގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގައެވެ. އެކަން ދެޕާޓީންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އެމްއެންޕީން ބުނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އަދި ގައުމީ މައްސަލަތަކުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެދުމަކަށް އެޕާޓީއާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

ޕީޕީއެމުން ބުނީ އެމްއެންޕީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް ޕީޕީއެމުން ހާމަކޮށްފައެއް ނުވެއެވެ. ޕީޕީއެމުން މިހާރު އަންނަނީ 'ދަ ޑިމޮކްރެޓްސް 'އާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަމުންނެވެ.

އެމްއެންޕީއާއެކު ބޭއްވި ބައްދަލުވުމުގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވެފައިވަނީ އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމާއި ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމާއި، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފެވެ.

އެމްއެންޕީގެ ފަރާތުން ޕާޓީގެ ނައިބުރައީސް އަދި މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމާއެކު އިތުރު ދެ މަންދޫބުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ޕީޕީއެމުން އެމްއެންޕީއާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު ދާދިފަހުން ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއި ރައީސް ޔާމީން ފަހަތަށް ޖެހިވަޑައިގެންނެވުމަށްފަހު، އިތުރު ކެނޑިޑޭޓެއް ނެރެގެން ކާމިޔާބު ހޯއްދަވަންޖެހޭކަމަށް ވިދާޅުވެފައެވެ.

އެމްއެންޕީގެ ލީޑަރ ކާނަލް މުޙައްމަދު ނާޒިމް މިހާރު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކެމްޕޭން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު