ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު
ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއެއްގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މިއަދު ތާވަލުކޮށްފިއެވެ.

މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން އަދީބުގެ މައްޗަށް ދެން އުފުލާފައިވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެކެވެ.

މި ދައުވާތައް ކުރިމިނަލް ކޯޓުގައި އެކު އެކީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު 13:00 ގައެވެ.

މިއަދު ޝަރީޢަތް ބާއްވާ މައްސަލަތަކުގައި އަދީބުގެ މައްޗަށް އާ ދައުވާތަކެއް ކޮށް ކުރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެމްއެމްޕީއާރްސީ މައްސަލައިގައި އަދީބު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އެއްބަސްވުމުގެ ދަށުން އަދީބު ކުށަށް އިއުތިރާފުވެ، ފުލުހުންނަށާއި ޕީޖީ އަށް އަދި ޝަރީޢަތައް އެއްބާރުލުން ދޭނެއެވެ. އެކަމުގެ ބަދަލެއްގެ ގޮތުން އަދީބުގެ އަދަބު ކުޑަކޮށްދިނުމަށް ދައުލަތުން ވަނީ އެއްބަސްވެފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަތައް ކުރިމިނަލް ކޯޓަށް ފޮނުވަމުން ބުނެފައިވަނީ، އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލީ 2014 އަދި 2015 ގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަނާއި ހިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތަކާ ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ހިންގި ތަހުގީގާ ގުޅިގެން ކަމަށެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން އެންމެ ފަހުން ތާވަލް ކުރި ތިން ދުވަހު ވެސް ޝަރީޢަތް ތާވަލް ކުރުމަށް ފަހު ވަނީ ކެންސަލް ކޮށްފައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކާއި އިތުރު ދެ މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް ކުރިން އިއްވިއެވެ. ނަމަވެސް އެ ދައުވާތައް ގޯސްކޮށް އުފުލާފައިވާ ކަމަށް ބުނެ ކޯޓުތަކުން ވަނީ އަދީބު މިނިވަން ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން