ބޮޑު ޕާޓީއެއް ކުޑަ ޕާޓީއެއްގެ ވަރައިގެ ދަށަށް ވަތް ވާހަކަ ބުނީ ޕީޕީއެމްގެ މެންބަރެއް ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ދަ ޑިމޮކްރެޓްސް އާއެކު އިދިކޮޅު ޕީޕީއެމުން ބާއްވަމުންދާ މަޝްވަރާ ބައްދަލުވުންތަކާ ގުޅިގެން ޒައިދު މީގެކުރިން ވިދާޅުވެފައިވަނީ އެއޮއްބޮޑު ޕީ.ޕީ.އެމް 3500 ހަމަނުވާ ޕާޓީއެއްގެ ފައިބުޑަށް ވެއްޓިފައިވާ ކަމަށް އޭނާގެ ގާތުގައި އެހެން މީހަކު ބުނެފައިވާ ކަމަށެވެ.

ޒައިދު މިމޭރުމުން މީސް މީޑިއާގައި ޚިޔާލުފާޅުކުރެއްވުމުން މީސްމީޑިއާގައި ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔާފައެވެ.

“ޕީ.ޕީ.އެމް އަކީ މިހާރު އެމީހުން ބެރުޖަހަން ގެންގުޅޭ ޑްރަމްސިޓް އެކޯ! ހާދަހާ ލަދުވެތި ކަމެކޯ! އަޅުގަނޑު ދެންނެވިން އެހެންހޭ.” ޒައިދު ވިދާޅުވެފައިވެއެވެ.

ޒައިދު ފާޅުކުރެއްވި ޚިޔާލަށް ފާޑުކިޔަމުންދާ ފަރާތްތަކަށް ރައްދު ދެއްވަމުން ޒައިދު މިއަދު ވިދާޅުވީ ބޮޑު ޕާޓީއެއް ކުޑަ ޕާޓީއެއްގެ ވަރައިގެ ދަށަށް ވަތް ވާހަކަ ބުނީ ޕީޕީއެމްގެ މެންބަރެއް ކަމަށެވެ.

ހަމައެއާއެކު ޕީޕީއެމްގެ ޢާންމު މެމްބަރަކު ބުނިވާހަކައެއް ޙިއްސާ ކުރުމުން ޒައިދުދެކެ ރުޅިއަންނަންޖެހޭ ސަބަބެއް ނެތްކަމަށްވެސް ޒައިދު ވަނީ ވިދާޅުވެފައެވެ.

“ހުރިހާ ރުޅިއެއް މިއައީ އަޅުގަނޑު ދެކެ! ބައްލަވާ އެމީހާ ތެދުބަހުން އޭނާގެ ރިއަލް ކޮންސާނެއް ފާހަގަކުރުމަކީ އަޅުގަނޑުދެކެ ރުޅިއަންނަންޖެހޭ ސަބަބެއްތޯ؟!” ޒައިދު ސުވާލު އުފައްދަވާފައިވެއެވެ.

ޝައިޚް ޢަލީ ޒައިދަކީ އޭނާ މީސްމީޑިއާގައި ފާޅުކުރާ ޚިޔާލުތަކުގެ ސަބަބުން ވަރަށް ގިނަ ފަހަރަށް ހޫނުފެނަށް ވެއްޓޭ ޝައިޚެއްކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު