މިއަހަރުގެ އޮގަސްޓް މަސް ނިމޭއިރު މަތިކޮމަންޑޫ އޮންނާނީ ހިއްކާ ނިމިފައި ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ދެ ކޮމަންޑޫ ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވައުދުފުޅެކެވެ.

ށ. ކޮމަންޑޫގައި އެމްޓީސީސީން މިހާރު ކުރިއަށް ގެންދާ މަޝްރޫޢުތައް ބައްލަވާލެއްވުމަށް އެރަށަށް ކުރެއްވި ޒިޔާރަތުގައި އާޒިމް ވިދާޅުވީ އޯގަސްޓު މަސް ނިމޭއިރު މަތިކޮމަންޑޫ އޮންނާނީ ހިއްކާ ނިމިފައިކަމަށެވެ.

ހަމައެއާއެކު އޯގަސްޓު މަހުގެ ތެރޭގައި ދެ ކޮމަންޑޫ ގުޅައިލުމުގެ މަސައްކަތް ފެށި އެ މަސައްކަތް ވެސް ހައެއްކަ މަސް ދުވަހުގެ ތެރޭގައި ނިންމައިލެވޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން ބުނެފައިވަނީ މަތިކޮމަންޑޫ ހިއްކާ ސަރަޙައްދުގައި މިހާރު ބަންޑްވޯލް ޖަހާފައިވާ ކަމަށާއި މިމަހުގެ ފަހުކޮޅު މަތިކޮމަންޑޫ ހިއްކަން ފެށުމަށް އެމްޓީސީގެ ޖައްރާފާ ކޮމަންޑޫއަށް ގެންދާނެ ކަމަށެވެ.

މަތިކޮމަންޑޫ ހިއްކުމުގެ މަޝްރޫޢުގެ ދަށުން މަތިކޮމަންޑޫއިން 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަތިކޮމަންޑޫ ބިން ހިއްކުމަށް ފަހު އެރަށާއި އެއް ފަޅެއްގައި އޮންނަ ކޮމަންޑުއާ 200 މީޓަރު ދިގުމިނުގެ ލިންކަކުން ގުޅާލާނެއެވެ.

ދެ ކޮމަންޑޫ ގުޅާލުމަށް މަތިކޮމަންޑޫގެ ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 12 ވަނަ ދުވަހުއެވެ. އަދި ޖެނުއަރީ 14 ވަނަ ދުވަހުވަނީ އެކަމުގެ ޢަމަލީ މަސައްކަތަށް ބޭނުންވާ ސާމާނު ރަށަށް ގެންގޮސް، ސައިޓު މަސައްކަތްތައް ވަނީ ފަށާފައެވެ.

މަތިކޮމަންޑޫއިން 16.7 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، މަޝްރޫޢުގައި ދެން ހިމެނެނީ، ކޮމަންޑޫގައި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި، މަތިކޮމަންޑޫގައި 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށިލުމާއި ޖުމުލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކައްޓާއި 112 މީޓަރުގެ ޖީއޯބޭގް ތޮއްޓެއް މަތިކޮމަންޑޫގައި ޤާއިމްކުރުމުގެ މަސައްކަތެވެ.

މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 235.75 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާނެއެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ ދެ އަހަރުގެ ތެރޭގައި ނިންމުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން