އިދިކޮޅު ޕީޕީއެމްގެ މުޒާހަރާއިން އިއްޔެ ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ އިއްޔެގެ މުޒާހަރާއިން ހައްޔަރު ކުރިމީހާ އެވަގުތު ގަދަ ދެއްކުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް އޭނާއަށް އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި އަނިޔާތަކަށް އައިޖީއެމްއެޗުން ފަރުވާ ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންބުނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައި ކަމަށެވެ.

އެމީހާ ހައްޔަރުކުރީ މުޒާހަރާ ކުރިއަށްދިޔަ ވަގުތު އެސަރަޙައްދުގެ ފޮޓޯއެއް ނަގައިގެން ކަމަށް ބުނެ ފަތުރަނީ އެއްވެސް ޙަޤީޤަތެއްނެތް ވާހަކަތަކެއް ކަމަށް ފުލުހުން މިއަދު ބުނެފައިވެއެވެ. އަދި ހައްޔަރުކުރި މީހާ ހުރީ ކުޑަކުއްޖެއް ގޮވައިގެންކަމަށްބުނެ ފަތުރާ ވާހަކަތައްވެސް ފުލުހުން ވަނީ ދޮގުކޮށްފައެވެ.

ކުޑަކުއްޖެއްގެ ހާޒިރުގައި އެ ކުއްޖާގެ ބެލެނިވެރިޔާ އަނިޔާވެރިގޮތަކަށް ހައްޔަރުކުރި ކަމަށް ބުނެ ފުލުހުންނަށް ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މުޒާހަރާ ކުރިތަނުގައި ތިބި ފުލުހުންގެ ސަފު ކުރިމައްޗަށް އައިސް ފުލުހުންނާއި ދިމާއަށް އެއްޗެއް އެއްލި މައްސަލައިގައި ކަމަށެވެ.

އެމީހާ ހައްޔަރުކުރީ ސައިކަލެއްގައި ކުޑަކުއްޖަކާއެކު ދަނިކޮށް ކަމަށާއި އޭނާ ހައްޔަރު ކުރީ ފޮޓޯއެއް ނެގުމުންކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ އިން ވަނީ ބަޔާނެއްވެސް ނެރެފައެވެ.

މީސްމީޑިއާގައި ޢާއްމުވެފައިވާ ވީޑިއޯއެއްގައިވެސް އެމީހާ ހައްޔަރުކޮށް ވެހިކަލަށް އެރުވި ވަގުތު އެތަނުގައި ކުޑަކުއްޖަކު ހުންނަތަން ފެނެއެވެ.



ކިޔުންތެރިންގެ ހިޔާލު