މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ބޭނުންނުވާކަމަށް 68 ރިސޯޓަކުން އަންގާފައިވާކަމަށް، އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

އިންތިޚާބުގައި ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނީ މަދުވެގެން 50 މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ރިސޯޓުތަކުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ފޮށި ބެހެއްޓުމަށް ދައުވަތު ފޮނުވި ރިސޯޓުތަކުގެ ތެރެއިން 22 ރިސޯޓަކުން އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. އަދި 79 ރިސޯޓަކުން ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު، 68 ރިސޯޓަކުން ވޯޓު ފޮށި ބަހައްޓަން ބޭނުންނުވާކަމަށް އަންގާފައިވާކަމަށެވެ.

އީސީން މިހާރުވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނައި ބަދަލުތައް ގެޒެޓުކުރުމަށްފަހު، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއީ ޖޫން 11 ވަނަ ދުވަހު ގެޒެޓްކުރި ރިޔާސީ އިންތިޚާބު 2023 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތަކާއެކު އާއްމުކޮށްފައިވާ ލިސްޓެއްކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ގެޒެޓްކުރި ލިސްޓަކީ ފުރަތަމަ އާއްމުކުރި ލިސްޓަށް ހުށަހެޅުނު 551 ޝަކުވާއާ ގުޅިގެން 337 އިސްލާހެއް ގެނައުމަށްފަހު ގެޒެޓްކޮށްފައިވާ ލިސްޓެކެވެ. ލިސްޓަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ނަން ބަދަލުވެގެން 5 އިސްލާހެއް، އެޑްރެސް ބަދަލުވެގެން 64 އިސްލާހެއް، މަރުވެފައިވުމުން އުނިކުރި 267 ފަރާތަކާއި އިތުރުކުރި 1 ފަރާތް ހިމެނެއެވެ.

ކޮމިޝަނުން މިހާރު ލިސްޓަށް ގެނެސްފައިވާ ބަދަލުތަކާއެކު ވޯޓުލެވޭ މީހުންގެ ޖުމްލަ އަދަދު ވަނީ 282406 އަށް މަދުވެފައެވެ.

މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ 2023 ޖުލައި 4 އިން 2023 ޖުލައި 15 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ.

އީސީން ބުނީ އެމީހަކު ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ ޖުލައި 16 އިން އޮގަސްޓްމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށްކަމަށެެވެ. އަދި އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރެވޭނީ ޖުލައި 16އިން ޖުލައި 29ގެ ނިޔަލަށްކަމަށެވެ. ޖުލައި 30 އިން އޮގަސްޓު 5 އަށް ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމުން އެކަނިކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެއެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ޖުލައި 23 އިން އޮގަސްޓް 7 އަށެވެ.

ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން