މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ރަސްމީކޮށް ފެއްޓެވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ށ. އަތޮޅަށް މިއަދު ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނު އެ އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގަންނަވާނެއެެވެ. އެއީ ށ.ކޮމަންޑޫ، މަރޮށި، ނޫމަރާގެ އިތުރުން ފޯކައިދުއެވެ. މި ދަތުރުފުޅުގައި ކޮމަންޑޫ، މަރޮށި އަދި ނޫމަރާގައި ކަންމަތީ ޖަލްސާއެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމްޑީޕީގެ ރިޔާސީ ކެމްޕޭން ފެށުމަށް ފޯކައިދޫގައި މިރޭ ބާއްވާ ކެމްޕެއިން ޖަލްސާ، އެ މަނިކުފާނު ޝަރަފުވެރިކޮށްދެއްވާނެއެވެ. އެ ޖަލްސާއަކީ އެމަނިކުފާނުގެ ކެމްޕެއިން ފެށުމުގެ ގޮތުން އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ ޖަލްސާއެވެ.

ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކޯލިޝަން ބައިވެރިން ކަމަށްވާ ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުالله އާއި އެމްޑީއޭގެ ލީޑަރ އަޙްމަދު ސިޔާމް މުޙައްމަދުވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ހަމައެއާއެކު އެމްޑީޕީގެ އިސްބޭފުޅުންވެސް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފެށުމަށް ރައީސް ށ. އަތޮޅަށް ފުރާވަޑައިގެންފައިވާއިރު އެމްޑީޕީން އިއްޔެ ވަނީ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމަށް އެޕާޓީގެ ޤައުމީ މަޖިލީހުން ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުންތައް ފަށާފައެވެ.

ރައީސް ޞާލިޙްގެ ކެމްޕޭނު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް ވެސް އެޕާޓީން މިހާރު ވަނީ ފަށައިފަ އެވެ.

ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން