ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނަށް ށ.ކޮމަންޑޫއަށް ވަޑައިގަތުމުން އެރަށުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

އެމަނިކުފާނުގެ އިސްތިޤުބާލަށް ރަށުގެ ކުދިބޮޑު ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ބަނދަރު ސަރަޙައްދަށް އެއްވެފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނު އެ އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގަންނަވާނެއެެވެ. އެއީ ށ.ކޮމަންޑޫ، މަރޮށި، ނޫމަރާގެ އިތުރުން ފޯކައިދުއެވެ. މި ދަތުރުފުޅުގައި ކޮމަންޑޫ، މަރޮށި އަދި ނޫމަރާގައި ކަންމަތީ ޖަލްސާއެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމްޑީޕީގެ ރިޔާސީ ކެމްޕޭން ފެށުމަށް ފޯކައިދޫގައި މިރޭ ބާއްވާ ކެމްޕެއިން ޖަލްސާ، އެ މަނިކުފާނު ޝަރަފުވެރިކޮށްދެއްވާނެއެވެ. އެ ޖަލްސާއަކީ އެމަނިކުފާނުގެ ކެމްޕެއިން ފެށުމުގެ ގޮތުން އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ ޖަލްސާއެވެ.



ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކޯލިޝަން ބައިވެރިން ކަމަށްވާ ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުالله އާއި އެމްޑީއޭގެ ލީޑަރ އަޙްމަދު ސިޔާމް މުޙައްމަދުވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ހަމައެއާއެކު އެމްޑީޕީގެ އިސްބޭފުޅުންވެސް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފެށުމަށް ރައީސް ށ. އަތޮޅަށް ވަޑައިގެންފައިވާއިރު އެމްޑީޕީން އިއްޔެ ވަނީ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމަށް އެޕާޓީގެ ޤައުމީ މަޖިލީހުން ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުންތައް ފަށާފައެވެ.

ރައީސް ޞާލިޙްގެ ކެމްޕޭނު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް ވެސް އެޕާޓީން މިހާރު ވަނީ ފަށައިފަ އެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން