ރައްޔިތުން އެދޭ ގޮތަށް ށ. ކުޑަފަރުގައި އެއަރޕޯޓެއް އަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިމޭރުމުން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ށ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. ކޮމަންޑޫގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައެވެ.

ކޮމަންޑޫ ރައްޔިތުންނަށް ތަޢުރީފް ކުރަށްވަމުން ރައީސް މިއަދު ވިދާޅުވީ އެރަށުގެ ރައްޔިތުންނަކީ ކެމްޕޭންކުރަން ދަންނަ ބައެއްކަމަށެވެ. އެގޮތުން ދާދިފަހުން ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ހަނދާންތައް ރައީސް ވަނީ އާކުރަށްވާފައެވެ.

އުފާވެރި އަމާން ރާއްޖެ ކޮންމެ ރައްޔިތަކު ވެސް ބޭނުންވާނެކަން ފާހަގަ ކުރަށްވަމުން ރައީސް ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ކުޑަފަރުގައި އެއަރޕޯޓް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. ހަމައެއާއެކު ދެކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުވެސް ވަރަށް އަވަހަށް ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ.



ރައީސް މިއަދު ވިދާޅުވީ އަމާން މުޖުތަމައުއެއް ޤާއިމުކުރަން މި ސަރުކާރުން ކުރި މަސައްކަތުގެ ފޮނި ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ. ހަމައެއާއެކު އެއްވެސް ރަށެއް ތަފާތު ނުކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ ވެރިކަމުގައި ފާއިތުވެދިޔަ 4 އަހަރު ކަނޑައްތުކުރީ އުނދަގޫ ދުވަސްތަކެއް ކަމަށާއި ސަރުކާރަށް ޖެއްސުންކުރި ބަޔަކު ސަރުކާރުގެ އެތެރެއާއި ބޭރުގައިވެސް ތިބި ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ނިންމާ ނިންމުމަކީ މުޅި ރާއްޖޭގެ މުސްތަޤްބަލާ ގުޅިފައިވާ ނިންމުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަރުކާރުތަކުގެ ޕަރފޯމަންސް މިނެކިރުމަށްފަހު ރިޔާސީ އިންތިޚާބުގައި ގޮތެއް ކަނޑައެޅުއްވުމަށް ރައީސް މިއަދު އެދިވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން