ސީރިއާ ހަނގުރާމައިގައި ބައިވެރިވި 70 ދިވެހިން ނިޔާވެފައިވާ ކަމަށާއި އެމީހުންގެ އާއިލާތައް އަންނަ އޯގަސްޓް މަސް ނިމުމުގެ ކުރިން ރާއްޖެ ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިމޭރުމުން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ށ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. ކޮމަންޑޫގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައެވެ.

ރައީސް މިއަދު ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު ނެތްކަމަށް ކުރީގެ ސަރުކާރުތަކުން ބުނަމުންދިޔަ ނަމަވެސް ހަނގުރާމަތަކުގައި ބައިވެރިވާން 100 އަށް ވުރެ ގިނަ ދިވެހިން ސީރިޔާއަށް ގޮސްފައިވާ ކަމަށެވެ. އަދި މިހާތަނަށް ރާއްޖެއިން ހަނގުރާމައަށް ދިޔަ 70 ދިވެއްސަކު ސީރިއާގައި މަރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އެކަނިވެރިވެފައި ތިބި މަންމައިންނާއި ކުޑަކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް. އަންނަ މަސް ނިމުމުގެ ކުރިން އެ ފަރާތްތައް ރާއްޖެ ގެނެވޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު މިކަން އިޢުލާނު ކުރަށްވާފައިވާއިރު ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ޤާއިމުކުރަންޖެހޭ މަރުކަޒުތައް ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ޤާއިމުކޮށް، އެންޓި ޓޯޗަރ ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުކުރާ ތަނެއްގެ ގޮތުގައި އެތަން ކަނޑައަޅާ އެކަން އިއުލާން ކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހުގައެވެ.

ހޯމް މިނިސްޓްރީން ބުނީ މިއީ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުންގެ ނުރައްކަލުން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށާއި، އެފަދަ މީހުން ޝަރީޢަތުގެ ކުރިމައްޗަށް ގެނެސް ޤާނޫނުގައި އެފަދަ ކަންކަމަށް ކަނޑައެޅިފައިވާ އަދަބު ދިނުމަށްޓަކައި ކުރެވޭ މަސައްކަތަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ޤާއިމްކުރި މިސެންޓަރު ހަދާފައިވަނީ ކ. ހިންމަފުށީގައެވެ. އަދި އެމަރުކަޒުގައި ފުރަތަމަ ފަހަރަށް މީހަކު ބަންދުކޮށްފައިވާކަމަށްވެސް ހޯމް މިނިސްޓްރީން މީގެ ކުރިން އިޢުލާނު ކޮށްފައިވެއެވެ.

ސީރިއާގައި ތިބި ދިވެހިންގެ އަދަދާ ބެހޭ ގޮތުން ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނެފައި ވަނީ 173 މީހަކު ސީރިއާއަށް ހަނގުރާމައަށް ގޮސްފައި ވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން