ރިޔާސީ އިންތިޚާބުގެ ކުރިން އެމްޑީޕީ ކޯލިޝަނަށް 90،000 މެންބަރުން ހަމަކުރުމަކީ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިމޭރުމުން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ށ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. މަރޮށީގައި ބޭއްވި ޖަލްސާގައެވެ.

އެމްޑީޕީ ކޯލިޝަނަށް 90،000 މެންބަރުން ހަމަކުރުމަކީ އަމާޒެއްކަމަށް ރައީސް ވިދާޅުވެފައިވާއިރު ރައީސް އިއްޔެ ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވަނީ މިހާތަނަށް ރާއްޖޭގައި އުފެއްދި އެންމެ މެންބަރޝިޕް ބޮޑު ކޯލިޝަނާ އެކުގައިކަމަށެވެ.

ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމަށް އެޕާޓީގެ ޤައުމީ މަޖިލީހުން މިއަދު ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުން ފަށްޓަވައި ދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ނިކުމެ ވަޑައިގަންނަވަނީ 77 ހާސް މެންބަރުންގެ ކޯލިޝަނަކާއެކު ކަމަށެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ރިޔާސީ އިންތިޚާބަކަށް އެކުލަވާލެވުނު އެންމެ ބޮޑު ކޯލިޝަންކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެއްބުރުން އިންތިހާބު ކާމިޔާބުވާނޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިޙްގެ ރިޔާސީ ކެމްޕޭން ށ. އަތޮޅުން ފަށާފައިވާއިރު ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން