ކޮމަންޑޫއަށް ގެނެވޭ ތަރައްޤީގެ މައްޗަށް އުފާވެރި ރާއްޖެއެއް ބިނާ ކުރުމަކީ ވަޢުދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިމޭރުމުން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ށ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. ކޮމަންޑޫ ރައްޔިތުން ދެއްވި ފުރިހަމަ މެހެމާންދާރީއަށް ޝުކުރު އަދާކުރަށްވައި ކުރެއްވި ޓްވީޓެއްގައެވެ.

"އުފާވެރި އަމާން ރާއްޖެ" އަކީ ރައީސް ޞާލިޙްގެ މިފަހަރުގެ ކެމްޕޭން ސްލޯގަންއެވެ.

ރައީސް މިއަދު ވިދާޅުވީ ށ. ކޮމަންޑުއަކީ މަސައްކަތްތެރި ރަށެއް ކަމަށާއި މި 5 އަހަރު ރާއްޖެއަށް ލިބުނު ހަމަޖެހުމާއި ކޮމަންޑުއަށް ގެނެވޭ ތަރައްޤީގެ މައްޗަށް އުފާވެރި އަމާން ރާއްޖެއެއް ބިނާ ކުރުމަކީ އެމްޑީޕީގެ ވަޢުދު ކަމަށެވެ.

"ށ. ކޮމަންޑޫ ރައްޔިތުން އަޅުގަނޑުމެންނަށް ކުރެއްވި އިތުބާރާ ދެއްވި ޔަޤީންކަމަށް ޝުކުރު ދަންނަވަން. " ރައީސް މިއަދު ވިދާޅުވިއެވެ.



ކޮމަންޑޫގައި ރައީސް މިއަދު ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް ނުކުމެވަޑައިގެންނެވީ މި ދައުރަށް ވެވަޑައިގެންނެވި ވައުދުތަކުގެ 90 އިންސައްތަ ހާސިލްކުރައްވާފައި ކަމަށެވެ. ރައީސް ވިދާޅުވީ ވައުދެއްވެފައިވާނަމަ އެވައުދެއް ފުއްދަވާނެ ކަމަށާ އެކަންކަމަށް ހައްލު ހޯދަވަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"ގަބޫލު ކުރައްވާ! އަޅުގަނޑުމެން ވައުދެއް ވެއްޖެއްޔާ އިރާދަކުރެއްވިއްޔާ އެ ވައުދު ފުއްދައި ދޭނަން" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީއާއެކު މިހާރު އޮތް ޓީމަކީ ދަތިތަކާއި އުނދަގޫ ތަކާއެކުވެސް ވައުދުތައް ފުއްދުމަށްޓަކައި ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު މަސައްކަތްކުރާނެ ޓީމެއް ކަމަށް ރައީސް މިއަދުވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން