ރިޔާސީ ދެވަނަ ދައުރުގައި ށ. މަރޮށީ ބިން ހިއްކައި 50 ހައުސިން ޔުނިޓް އަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިމޭރުމުން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ށ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. މަރޮށީގައި ބޭއްވި ޖަލްސާގައެވެ.

ށ. މަރޮށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ޞާލިޙް ވަނީ އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ މަރޮށީގެ ބިމަށް 30 ނުވަތަ 40 ހެކްޓަރު އިތުރުކޮށްދެއްވައި އެރަށުން ގޯތި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު އެރަށުގައި 50 ހައުސިން ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށާއި މަގު ހަދާ ރަށްތަކުގެ އެންމެ ކުރީގައި މަރޮށި ހިމަނުއްވާނެކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަރޮށީ މީހުންނަކީ އަމަލުން ނަތީޖާ ދައްކާ ބައެއް ކަމަށާއި ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި އެކަން ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައިވާ ކަމަށެވެ. ހަމައެއާއެކު މިއަދު ފެނިފައިވަނީ މީގެ ކުރިން ދުވަހަކުވެސް އެރަށުން އެމްޑީޕީއަށް ނުކިޔާވަރުގެ މަރުޙަބާއެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިސަރުކާރުން މަރޮށީގެ ތަރައްޤީއަށް ކޮށްދީފައިވާ ކަންތައްތަކާއެކު "މަރޮށި ރާއްޖޭގެ ތަރައްގީގެ ޗާޓު"ގައި އަލުން ހިމަނައިދީފައިވާ ކަމަށެވެ. އަދި އެއީ މި ސަރުކާރުން ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ނުކުރާކަމުގެ ހެއްކެއްކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް މަރޮށީ ރައްޔިތުންގެ ކިބައިން މިއަދު އެދިވަޑައިގަތީ އެރަށަށް އަންނަމުންދާ ތަރައްޤީ ނުހުއްޓޭނެގޮތަށް ވިސްނުން ބަހައްޓަވައިގެން ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ނިންމުން ނިންމަވައި ދެއްވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން