ރިޔާސީ ދެވަނަ ދައުރުގައި ށ. މަރޮށީގައި އޭޓީއެމް ބަހައްޓައި ބޮޑު ފުޓުބޯޅަ ދަނޑުގައި ޓާރފް އަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިމޭރުމުން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ށ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. މަރޮށީގައި ބޭއްވި ޖަލްސާގައެވެ.

ށ. މަރޮށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ މި ސަރުކާރުން ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ނުކުރާކަމުގެ ހެއްކަކަށް އެރަށް ފުދޭކަމަށެވެ. އެގޮތުން މިސަރުކާރުގައި ފެނާއި ނަރުދަމާގެ ނިޒާމު އެންމެ ފުރަތަމަ ގާއިމްކޮށް ކޮންޓްރެކްޓެއްކޮށް ހަވާލުކުރި ރަށަކީ މަރޮށި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެނަމަ މަރޮށީގައި އޭޓީއެމް ބަހައްޓާނެ ކަމަށެވެ. އަދި ޒުވާނުންނަށްޓަކައި ބޮޑު ފުޓުބޯޅަ ދަނޑުގައި ޓާރފްއަޅާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު މަރޮށީ ރައްޔިތުން އެދުނުގޮތަށް ރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިހާރުވެސް ހިނގަމުން އަންނަކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން އެރަށުގައި މިހާރު ކުރިއަށްދާ ނަރުދަމާގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މަރޮށްޓަށް ކުރެއްވި މިދަތުރުފުޅުގައި ވަނީ އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ މަރޮށީގެ ބިމަށް 30 ނުވަތަ 40 ހެކްޓަރު އިތުރުކޮށްދެއްވައި އެރަށުން ގޯތި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު އެރަށުގައި 50 ހައުސިން ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށާއި މަގު ހަދާ ރަށްތަކުގެ އެންމެ ކުރީގައި މަރޮށި ހިމަނުއްވާނެކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން