ފުވައްމުލަކު ފަރަށް އުރުނު ހިލަ ބާޖު ފުންކޮށްފިއެވެ.

ފުވައްމުލަކު ގިރާ ސަރަހައްދުގައި ތޮށިލުމަށް ބޭނުންވާ ބޮޑުހިލަ ހިފައިގެން ދިޔަ ބާޖު އެރަށު ފަރަށް އެރީ މިދިޔަ ހުކުރު ދުވަހުއެވެ.

މިޙާދިސާގައި ބާޖު ފަރަށް އަރާފައިވަނީ ހޯގާޑުން މުދާ ވެއްދުމަށް ބޭނުން ކުރަމުން އަންނަ ބަނދަރަށް ވަންނަ ދިމާލުގައި އޮއްވާ އަރިއަޅާލައިންނެވެ. މި ބާޖުގައި ހުރީ އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ހިލަ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.

ސިޓީ ކައުންސިލުން ބުނީ ފަރަށްއެރި ބާޖު ފުންކުރުމަށްފަހު މިހާރުވަނީ ރަށުގެ ފަރާއި ދުރުކޮށްފައިކަމަށެވެ.

ފުވައްމުލަކު ގޮނޑުދޮށް ޚިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުގެ އިތުރުން، ނެދަލެންޑްސްގެ ގްރާންޓް އެހީ އަދި ކުވައިތު ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ލޯނު އެހީއާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރުގެ އުތުރު ފަރާތުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލަ ތޮއްޓެއް ޤާއިމުކުރެވިގެންދާނެއެވެ. މި މަސައްކަތް އެމް.ޓީ ހޯގާޑާއި ޙަވާލުކޮށްފައިވަނީ 606 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާގޮތަށެވެ. މިކަމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީން އެކުންފުންޏާއެކު ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

މުޅި މި މަޝްރޫޢަށް ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން