ރިޔާސީ ދެވަނަ ދައުރުގައި ށ. ނޫމަރާގައި އޭޓީއެމް ބަހައްޓައި އެރަށު ސްކޫލަށް ހަތަރު ކްލާސްރޫމް އިތުރުކޮށް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިމޭރުމުން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ށ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. ނޫމަރާގައި ބޭއްވި ޖަލްސާގައެވެ.

ށ. ނޫމަރާގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ޞާލިޙް ވަނީ ނޫމަރާ ސްކޫލް އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ހަތަރު ކްލާސް ރޫމް ޢިމާރާތްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު އޭޓީއެމް ހިދުމަތާއި ޒަމާނީ މިސްކިތެއް ވެސް ނޫމަރާގައި އިމާރާތްކޮށް ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން ވަޢުދެއް ވެއްޖެނަމަ އެ ވަޢުދެއް ފުއްދަވާނެ ކަމަށާއި އެގޮތުން އެރަށު އިންޖީނުގޭގެ އިމާރާތާއި ރަށު އޮފީހުގެ މަސައްކަތްވެސް ފުރިހަމަ ކުރަށްވާނެ ކަމަށެވެ.

ހަމައެއާއެކު އެސަރަޙައްދުގެ މަސްވެރިންނަށް ބޭނުންވާ މަސް ކަނދުފައްޗެއް އެޅުމާއި އެރަށުގައި އޮޑިއެހެލާ ތަނެއް ގާއިމު ކުރުމާއި ޒުވާނުންނަށްޓަކައި ބޮޑު ދަނޑުގައި ޓާފް އެޅުމާއި ވޮލީ ކޯޓެއް ހެދުމަކީ ލިސްޓުގައި ހިމެނޭ ކަންކަން ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް ވަނީ ނޫމަރާގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް ދެއްވާނެ ކަމަށާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް މިއަދު ވިދާޅުވީ ނޫމަރާއަށް އަރައި ފޭބޭނެ ގޮތެއް ހޯދުނީ އެމްޑީޕީގެ ސަރުކާރުގައި ކަމަށާއި ނޫމަރާ ބަނދަރަށް ގެންނަން ޖެހޭ އިތުރުބަދަލުތައްވެސް ގެނެސްދޭނީ އެމްޑީޕީގެ ވެރިކަމުގައި ކަމަށެވެ.

ރައީސް ނޫމަރާ ރައްޔިތުންގެ ކިބައިން މިއަދު އެދިވަޑައިގަތީ އެރަށަށް އަންނަމުންދާ ތަރައްޤީ ނުހުއްޓޭނެގޮތަށް ވިސްނުން ބަހައްޓަވައިގެން ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ނިންމުން ނިންމަވައި ދެއްވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން