ދިވެހި ރައްޔިތުން އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބުކޮށް ދެއްވައިފިނަމަ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިމޭރުމުން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ށ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. ނޫމަރާގައި ބޭއްވި ޖަލްސާގައެވެ.

ށ. ނޫމަރާގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ ނޫމަރާ އަކީ އެކަހެރިކޮށް އޮންނަ ރަށަކަށް ވުމުން ދަތުރުފަތުރުގެ ނިޒާމުގެ މުހިއްމުކަން އެރަށަށް ބޮޑުކަމަށެވެ. އެގޮތުން ސަރުކާރުގެ ދަތުރުފަތުރުގެ ސިޔާސަތުގެ ދަށުން އާރްޓީއެލް ފެރީގެ ފަސޭހަތައް އެރަށުގެ ރައްޔިތުންނަށް ވެސް މިހާރު ލިބެމުން ދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެ އާރްޓީއެލްގެ ނިޒާމުން ގުޅުވާލައި، ވައިގެ މަގުން އަތޮޅުތައް ގުޅުވާލުން ކަމަށެވެ. އަދި ކުރިއަށްއޮތް 5 އަހަރުގެ ތެރޭގައި އެކަންކޮށް ނިންމަވާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ފަސް އަހަރުގެ ދައުރު ނިންމާނީ އެކަން ކޮށް ނިންމާފައި" ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި އެމަނިކުފާނު މަސައްކަތް ކުރަށްވާނީ ރައްޔިތުންނަށް ހެޔޮ އެދޭ ދެ ޕާޓީއާއެކުގައި ކަމަށެވެ. އެއީ އެމްޑީއޭ އާއި ޢަދާލަތު ޕާޓީކަމަށް ރައީސް ވިދާޅުވިއެވެ.

އެ ދެޕާޓީގެ ވިސްނުމަކީ ގައުމު ކުރިއެރުވުމާއި، ރައްޔިތުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ރައީސް މިއަދު ވަނީ ވިދާޅުވިއެވެ.

ރައީސް ޞާލިޙް ށ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅު ނިންމަވާލައްވާނީ މިރޭ ފޯކައިދޫގައި ބާއްވާ ބޮޑު ޖަލްސާއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން