ރައްޔިތުންގެ މަޖިލީހަށް ސިފައިން ވެއްދުމާއި ނުވެއްދުމަކީ ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މި މޭރުމުން ވިދާޅުވެފައި މިވަނީ ރޭ ށ.ފޯކައިދޫގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި މަޖިލީހުގެ މަސައްކަތްތައް ހުއްޓުވިޔަސް މަޖިލީހުގެ ތެރެއަށް ސިފައިން ނުވައްދަވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ މަޖިލީހުގެ ކަންކަމުގައި ސިފައިންގެ އެހީތެރިކަމަށް އެދުމަކީ ޤާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބެހުމެއް އޮތް ކަމެއް ނޫން ކަމަށެވެ.

“މަޖިލީހަށް ސިފައިން ވެއްދުމާއި، ނުވެއްދުމަކީ މަޖިލީހުގެ ރައީސްގެ އިޚުތިޔާރުގައި އޮންނަކަމެއް” ރައީސް ނަޝީދު ވިދާޅުވިއެވެ.



ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވާއިރު މަޖިލީހުގައި އެކަށީގެންވާ މަސައްކަތެއް ނުކުރެވި މަޖިލީސް ހުއްޓިފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އަކީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުން އެދެބޭފުޅުންވެސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވުމާ ގުޅިގެންނެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހަށް ސިފައިން ވަދެ އެމަޖިލީހުގެ އޭރުގެ މެންބަރުން މަޖިލީހުގެ ފާރުމަތިން މަގުމައްޗަށް ނެރެފައިވާ ޙާދިސާއަށް އިޝާރާތް ކުރަށްވަމުން ރައީސް ޞާލިޙް ރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހިންގަވަނީ އެމަޖިލީހުގެ ރައީސަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަމަށެވެ. އެހެންނަމަވެސް މަޖިލީހަށް ސިފައިން ނުވަންނާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު