ރައީސް ޞާލިޙަކީ ޙިކުމަތްތެރި ތަފާތު ލިޑަރެއްކަން ސާބިތުވެއްޖެކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ބޮޑު ކޯލިޝަނަކާއެކު ރައީސް ޞާލިޙް ނިކުމެވަޑައިގެންފައިވާތީ އެކަމަށް އިޝާރާތް ކުރަށްވައި ޑރ. ޑީޑީ ވިދާޅުވީ މީގެ ކުރިން ވެރިކަމުގައި ހުންނެވި އެއްވެސް މީހަކާއެކު ކޯލިޝަން ހަދާނެ ޕާޓީއެއް ނުވާ ކަމަށެވެ.

އެހެންނަމަވެސް ރައީސް ޞާލިޙް ވަނީ އެކަމުގައިވެސް ތަފާތު ދައްކަވާފައި ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު 2023ގެ ރިޔާސީ ކެމްޕޭން ފަށާފައި ވަނީވެސް ބޮޑު ކޯލިޝަނަކާއެކު ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

“ރައީސް ޞާލިޙަކީ ޙިކުމަތްތެރި ތަފާތު ލީޑަރެއްކަން ސާބިތުވެއްޖެ.” ޑރ. ޑީޑީ ވިދާޅުވިއެވެ.

ޑރ. ޑީޑީ މިމޭރުމުން ވިދާޅުވެފައިވާއިރު ފޯކައިދޫގައި އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ރޭ ވިދާޅުވީ އައު ޤާނޫނުއަސާސީގެ ދަށުން މީގެކުރިން ރާއްޖޭގައި ބޭއްވި ހުރިހާ އިންތިހާބެއްގައިވެސް ކެނޑިޑޭޓުން ބައިވެރިވީ އެކި ކޯލިޝަންތައް ހަދައިގެންކަމަށާއި، އަދި ވެރިކަން ހޯދީވެސް ކޯލިޝަންތަކާއެކުކަމަށެވެ.

ރައީސް ވިދާޅުވީ ކޯލިޝަންތަކާއެކު ވެރިކަމަށް އައުމަށްފަހު ދެން ކަންތައް ވެގެންދިޔަ ގޮތް މިދިޔަ 3 ދައުރުގައިވެސް ފެނިގެންދިޔަކަމަށެވެ.

އެހެން ނަމަވެސް މީގެކުރިން ރާއްޖޭގެ ވެރިކަމުގައި ހުންނަ މީހަކާއެކު ކޯލިޝަން ހަަދަން އެއްވެސް ބަޔަކު ބޭނުންނުވާކަމަށާއި، އެހެންކަމުން މިއީ ވެރިކަމުގައި ހުންނަވާ ބޭފުޅަކު ކޯލިޝަނަކާއެކު ރިޔާސީ އިންތިޚާބަށް ނިކުންނަ ފުރަތަމަ ފަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރޭވަނީ ވިދާޅުވެފައެވެ.

މިފަހަރުގެ އިންތިހާބުގައި ރައީސް ސާލިހުއަށް ތާއީދުކުރުމަށް ނިންމާފައިވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭއެވެ. މިއީ ރާއްޖޭގައި އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން 10 ހާސް މެމްބަރުން ހަމަވާ މަދު ޕާޓީތަކުގެ ތެރެއިން ދެ ޕާޓީއެވެ.



ކިޔުންތެރިންގެ ހިޔާލު