ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޮދާތަކެއްހެން ފާރުމަތިން އުކާލުން ދިފާއުކުރަންޖެހޭ ހިސާބަށް ރައީސް ނަޝީދުގެ ޙާލަތު ގޮސްފައިވާކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޢަލީ ޒާހިރު މިމޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސިފައިން ވެއްދުމާއި ނުވެއްދުމަކީ ރައީސުލްޖުމްހޫރިއްޔާއާ ބެހޭކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ މަޖިލީހުގެ ކަންކަމުގައި ސިފައިންގެ އެހީތެރިކަމަށް އެދުމަކީ ޤާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބެހުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އޭގެއިތުރުން މަޖިލީހަށް ސިފައިން ވެއްދުމާއި، ނުވެއްދުމަކީ މަޖިލީހުގެ ރައީސްގެ އިޚުތިޔާރުގައި އޮންނަކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވަމުން ޢަލީ ޒާހިރު ވަނީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގެ ބައެއް ހަނދާންތައް އައު ކުރަށްވާފައެވެ. އެގޮތުން ޔާމީންގެ ވެރިކަމުގައި އަނިޔާވެރިކަން ހައްދުންނެއްޓި ހުރިހާ އިދިކޮޅު ސިޔާސީ ލީޑަރުން ކުޑަގޮޅިއަށް ލައިގެން ގެންގުޅުކަން އަލީ ޒާހިރުވަނީ ރައީސް ނަޝީދަށް ހަނދާން ކޮށްދެއްވާފައެވެ.

“އެކަމާ ދެކޮޅަށް އަޑު އުފުލާ އެލީޑަރުން މިނިވަން ކުރުމަށް ގޮވާލި މަޖިލިސް މެމްބަރުން ނެރުމަށް ރައްޔިތުންގެ މަޖިލީހަށް ސިފައިން ވައްދައިގެން ގޮދާ ތަކެއްހެން ފާރުމަތިން އުކާލި އުކާލުންވެސް ދިފާއު ކުރައްވަން ޖެހިވަޑައިގަތީ ދެއްތޯ؟” ރައީސް ނަޝީދަށް ރައްދު ދެއްވަމުން ޢަލީ ޒާހިރު ވިދާޅުވިއެވެ.



މަޖިލީހަށް ސިފައިން ވެއްދުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް ނޯންނަކަމަށް ރައީސް ނަޝީދު ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ސިފައިން ވަދެ އެމަޖިލީހުގެ އޭރުގެ މެންބަރުން މަޖިލީހުގެ ފާރުމަތިން މަގުމައްޗަށް ނެރެފައިވާ ޙާދިސާއަށް އިޝާރާތް ކުރަށްވައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅާ ގުޅުވައިގެންނެވެ.

ރައީސް ޞާލިޙް ރޭ ވިދާޅުވީ އެހެން ވެރިކަންތަކާއި، މި ވެރިކަން ތަފާތުކަމަށާއި، ރައްޔިތުން ނިންމި ގޮތަށް ކޯލިޝަންވެސް އެބައޮތްކަމަށެވެ. އަދި މިއަދު ލިބޭ ހަމަޖެހުމުގެ ސިއްރަކީ ކޯލިޝަން ދެމިއޮތުންކަމަށް ވިދާޅުވިއެވެ.

ސިޔާސީ ލީޑަރުން ތިބީ މިނިވަންކަމާއިއެކުގައިކަމަށާއި، މަޖިލީހުގެ ރައީސް ބޭނުންފުޅުވާގޮތަކަށް މަޖިލީސް ހިންގުމުގެ މިނިވަންކަންވެސް އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސިފައިން ވަދެ އެކަން ނުހުއްޓުވާކަމަށާއި، ނޫސްވެރިންގެ ގަލަމުގައި ދޯރިޖަހާ، ޓީވީ ޗެނަލްތައްވެސް ބަންދުނުކުރާކަމަށް ރައީސް ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު