އިދިކޮޅަށް ދެންއެޅޭނީ ހުސް ޅައެއްޗެހި ކަމަށާއި އެބޭފުޅުންނަށް ތާޢީދު ނެތްކަމަށް ރައްޔިތުން ބުނެފައިވާކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްވި ސަމީރު މިއަދު ވިދާޅުވީ މިހާރު އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ވިއްކާނެ އެއްވެސް އެއްޗެއްނެތް ކަމަށެވެ. ހަމައެކަނި އެބޭފުޅުންނަށް ވިއްކެންއޮތީ ދޮގުކަން ފާހަގަ ކުރަށްވަމުން ސަމީރު ވިދާޅުވީ ރައްޔިތުންނަށް އިތުރަށް އޮޅުވާނުލެވޭނެ ކަމަށެވެ.

“ފިތުނަފަސާދަ އުފަންކުރުވައިގެން ދޮގުވިއްކައިގެން ރައްޔިތުންނަށް ހަގީގަތް އޮޅުވާލެވިދާނޭ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް.” ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ މިއަދު އިދިކޮޅު ފަރާތްތަކަށް އޮތް ހަމައެކަނި ގޮތަކީ އިއްޔެގެ އަނިޔާވެރިވި ޒާލިމުންނަށް ސަނާކިޔާ އިއްޔެގެ އަނިޔާވެރިކަމަކީ ނުވާކަމަކަށް ހެދުން ކަމަށެވެ. އޭގެ އިތުރުން އެބޭފުޅުންނަށް ދެން އެޅޭނީ ހުސް ޅަ އެއްޗެހި ކަމަށާއި، އަޅަންހުރި ހަރުއެއްޗެހި ހުސްވެއްޖެކަމަށް ވިދާޅުވެ ސަމީރު ވަނީ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވާފައެވެ.

ހަމައެއާއެކު އިއްޔެގެ އަނިޔާވެރިކަމަކީ ނުވެސްވާ ކަމަކަށް ހަދައިގެން ރައްޔިތުންނަށް އޮޅުވާލައިގެން ވޯޓް ހޯދަން މަސައްކަތް ކުރިނަމަވެސް އިދިކޮޅު ފަރާތްތަކަށް ލިބޭނެ މޮޅެއް ނެތްކަމަށް ރައްޔިތުން އެފަރާތްތަކާ ދިމާލަށް ބުނެފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ. އެއަށްވުރެބޮޑަށް ރައްޔިތުން މިއަދު ތިބީ ލޯތައް ހުޅުވައިގެން ގާތުން ބަލަންކަމަށް ސަމީރު ވިދާޅުވެފައިވެއެވެ.

“އިދިކޮޅު ފަރާތްތަކުން އަޅަން ހުރި ހުރިހާ ހަރުއެއްޗެ އަޅާނިމިއްޖެ، ދެން އެޅޭނީ ހުސް ޅައެއްޗެހި އަދި ދެން އަޅަން ހުންނާނީވެސް ހުސް ޅައެއްޗެހި، ގޮބަޅިނޫން އެއްޗެއް ނެތް މަތިވެރި މުޅިީންހެން ހުސްވެ ނިމިއްޖެ. ދިމާއަށް ތާއީދު ނެތޭބުނެ ހުށަހެޅީމާ ދެން ބޭކާރު ބަހަނާތަކެއް ދައްކަވަން އުޅުއްވާނެކަމެއް ނެތް.” ސަމީރު ވިދާޅުވިއެވެ.

ދާދިފަހުން މިނިސްޓަރ ސަމީރުވަނީ ރައީސް ޞާލިޙަށް ތާޢީދު ހޯއްދެވުމުގެ މަސައްކަތް ކުރެއްވުމަށް އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ސަމީރު ވިދާޅުވެފައިވަނީ، ތަފާތު ކުރުމެއްނެތި ރަނުން ރަނަށް ވަޢުދު ފުއްދައިދިނުމުގައި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ދެވަނައެއް ނެތްފަދަ އިޚްލާޞްތެރި ވެރިއެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު