ސިފައިންގެ ކޮމާންޑަރ އިން ޗީފަކީ ރައީސުލްޖުމްހޫރިއްޔާ ނޫންކަމަށް ކަނޑައަޅާ ހިސާބަށް ރައީސް ނަޝީދުގެ ޙާލަތު މިހާރު ދިޔައީތޯ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ސުވާލު އުފައްދަވައިފިއެވެ.

ނިހާދު މިމޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސިފައިން ވެއްދުމާއި ނުވެއްދުމަކީ ރައީސުލްޖުމްހޫރިއްޔާއާ ބެހޭކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ މަޖިލީހުގެ ކަންކަމުގައި ސިފައިންގެ އެހީތެރިކަމަށް އެދުމަކީ ޤާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބެހުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އޭގެއިތުރުން މަޖިލީހަށް ސިފައިން ވެއްދުމާއި، ނުވެއްދުމަކީ މަޖިލީހުގެ ރައީސްގެ އިޚުތިޔާރުގައި އޮންނަކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވީ ޤާނޫނު އަސާސީގެ 106 ވަނަ މާއްދާގައި ސިފައިންގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމަށެވެ.

“ސިފައިންގެ ކޮމާންޑަރ އިން ޗީފަކީ ރައީސުލްޖުމްހޫރިއްޔާ ނޫންކަމަށްވެސް ނިންމެވީތޯ؟” ރައީސް ނަޝީދަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވިއެވެ.



މަޖިލީހަށް ސިފައިން ވެއްދުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް ނޯންނަކަމަށް ރައީސް ނަޝީދު ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ސިފައިން ވަދެ އެމަޖިލީހުގެ އޭރުގެ މެންބަރުން މަޖިލީހުގެ ފާރުމަތިން މަގުމައްޗަށް ނެރެފައިވާ ޙާދިސާއަށް އިޝާރާތް ކުރަށްވައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅާ ގުޅުވައިގެންނެވެ.

ރައީސް ޞާލިޙް ރޭ ވިދާޅުވީ އެހެން ވެރިކަންތަކާއި، މި ވެރިކަން ތަފާތުކަމަށާއި، ރައްޔިތުން ނިންމި ގޮތަށް ކޯލިޝަންވެސް އެބައޮތްކަމަށެވެ. އަދި މިއަދު ލިބޭ ހަމަޖެހުމުގެ ސިއްރަކީ ކޯލިޝަން ދެމިއޮތުންކަމަށް ވިދާޅުވިއެވެ.

ސިޔާސީ ލީޑަރުން ތިބީ މިނިވަންކަމާއިއެކުގައިކަމަށާއި، މަޖިލީހުގެ ރައީސް ބޭނުންފުޅުވާގޮތަކަށް މަޖިލީސް ހިންގުމުގެ މިނިވަންކަންވެސް އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސިފައިން ވަދެ އެކަން ނުހުއްޓުވާކަމަށާއި، ނޫސްވެރިންގެ ގަލަމުގައި ދޯރިޖަހާ، ޓީވީ ޗެނަލްތައްވެސް ބަންދުނުކުރާކަމަށް ރައީސް ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު