މީމު އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ހާމަކޮށްފިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގަތުމަށް ކުރެއްވެވި މަސައްކަތްޕުޅުގައި އެންމެ ބޮޑަށް ރައްޔިތުންނަށް ވެވަޑައިގެންނެވި އެއްވަޢުދަކީ ކޮންމެ 20 މިނެޓަކުން ދަތުރުކުރެވޭ ހިސާބުގައި އެއަރޕޯޓެއް ތަރައްޤީ ކުރެއްވުމެވެ. އެގޮތުން މީމު އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

މުލަކަތޮޅުގައި ތަރައްޤީކުރާ ފުރަތަމަ އެއަރޕޯޓް ތަރައްޤީކުރަނީ އެއަތޮޅުގެ ވެރިކަން ކުރާ ރަށް މ.މުލީގައެވެ. މި މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން މިއަދު ބުނީ އެއަރޕޯރޓްގެ ގޮނޑުދޮށުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން، ފަޔަރ ރޯޑާއި ފަޔަރ ޕެޑްގެ ސަބްގްރޭޑް މަސައްކަތްތައްވެސް ވަނީ ނިމިފައި ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ.

މީމު އެއަރޕޯޓް މަޝްރޫޢުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކުމާއި، މުލީ އެއަރޕޯޓުގައި 1200 ފޫޓު ދިގު، 30 ފޫޓު ފުޅާ ރަންވޭއެއް ތަރައްޤީކުރުމާއި، ޓެކްސީވޭއާއި އޭޕްރެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަލަށް ހިއްކާ ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށްޓަކާ 1812 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުންވެސް ހިމެނެއެވެ.

މީމު އެއަރޕޯޓުގެ މަޝްރޫޢަށް 230.10 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު